ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރަށަށް ފޮނުވުމުގަައި އިސްކަންދޭ ލިސްޓެއް އެކުލަވާލައިފި

ކޮވިޑް-19 އާއެކު މާލެ ސަރަހައްދު ލޮކްޑައުން ކުރި އިރު އެކިއެކި ބޭނުންތަކުގައި މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި މީހުންގެ ތެރެއިން ރަށަށް ފޮނުވުމުގަައި އިސްކަން ދޭނެ މީހުންގެ ނަންތައް ހިމަނާ ލިސްޓެއް އެކުލަވާލަައިފި އެވެ.

ލޯކަލް ގަވާމަންޓް އޮތޯރިޓީން މިއަދު ބުނީ ރަށަށް ނުދެވި ތިބި މީހުން އަނބުރާ ރަށަށް ފޮނުވުމުގެ މަސައްކަތް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށާއި ކައުންސިލްތަކުން ފޮނުވާފައިވާ ލިސްޓާއި ޖެންޑާ މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓާއި އަދި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން އެކުލަވާލާފައިވާ ލިސްޓް ކޮމްޕައިލްކޮށް މާލޭގައި މާސްޓާ ލިސްޓެއް މިހާރު ވަނީ އެކުލަވާލާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ދެ ހަފުތާއަކީ ކޮވިޑް ބަލީގެ ސާޖަށް މާލެ ދާނެ ކަމަށް ސިއްހީ މާހިރުން ލަފާ ކުރައްވާފައިވާ ދެ ހަފުތާއަށްވެފައި، މާލެ ސަރަޙައްދުގައި ތިބި ރަށްރަަށުގެ މީހުން އެ ރަށްރަށައް ފޮނުވާ ރަށްރަށުގައި ކަރަންޓީނު ކުރުމަކީ އެންމެ ރައްކާތެރިގޮތް ކަމުގައި ނުވާނެތީވެ، އެ މަަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.

އަދި އެމީހުން ރަށްރަށަށް ފޮނުވުމުގެ ކުރިން ކަރަންޓީނު ކުރުމަށް މިވަގުތަށް ހަމަޖެހިފައި ވަނީ އެކި ސަރަޙައްދުތަކުގައި ސަރުކާރުން ކަނޑައަޅާ ފެސިލިޓީ ތަކުގައި ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މާލޭގެ ހާލަތު ބަދަލުވުމުން ރަށްރަށުގައި ކަރަންޓީން ފެސިލިޓީސް ގާއިމުކޮށް ކައުންސިލްތަކުން އިންތިޒާމް ހަމަޖެއްސޭ ރަށްރަށުގައި ކަރަންޓީން ކުރުމުގެ ސިޔާސަތަށް ބަދަލުގެނައުމާމެދު ސަރުކާރުން ގޮތެއް ނިންމަވާނެ ކަމަށެވެ.

މާލޭގައި ބަންދުވެފައިވާ މީހުން ރަށްރަށަށް ފޮނުވަން ހަމަޖެހިފައިވަނީ ޖެންޑާ މިނިސްޓްރީން ޢާއްމުކޮށް ގެޒެޓްކޮށްފައިވާ "މާލެ ސަރަޙައްދު ފުރަ ބަންދުގެ ޙާލަތަށް ގެނައުމާއި ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތައް އަނބުރާ ރަށަށް ފޮނުވުމުގައި އިސްކަންދޭނެ ތަރުތީބު" އަށް ރިޔާއަތްކޮށް ކައުންސިލުން ކަނޑައަޅާ އިސްކަންދޭ ތަރުތީބަށް ބަލައިގެން ކަމަށްވެސް އެލްޖީއޭއިން ބުންޏެވެ. އެގޮތުން އެ މީހުން ރަށްރަށަށް ފޮނުވުމުގެ ކުރިން ކަރަންޓީނުކުރުމަށްޓަކައި ސަރުކާރުން ހަމަޖައްސާފައިވާ ކަރަންޓީނު ފެސިލިޓީ ތަކުގެ ކެޕޭސިޓީއަށް ބަލައި ކޮންމެ އަތޮޅަކަށްވެސް ސަރުކާރުން ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރު ނުވާނެ ގޮތަކަށް ރަށްރަށަށް ގެންދިއުމަށްޓަކައި އެންމެ އިސްކަންދޭ ފަރާތްތައް ކަނޑައަޅަން ބޭނުންވާ ކަމަށް އެލްޖީއޭއިން ބުންޏެވެ.

މާލެ ސަރަހައްދުގައި ގާއިމްކުރާ ކަރަންޓީނު ފެސިލިޓީތަކުގައި، ކަރަންޓީނު ކުރުމަށް މިވަގުތަށް ޖާގަ ލިބިފައިވަނީ 500 މީހުންނަށެވެ. އަދި 500 ޖާގައިގެ ތެރެއިން އަތޮޅުތަކުން މީހުން ނަން ނޯޓްކޮށްފައިވާ ނިސްބަތައް ބަލައި ކޮންމެ އަތޮޅަކަށް ވެސް ޖާގަ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެެހެން ކަމުން ރަށު ކައުންސިލްތަކުގެ މަޝްވަރާގެ މަތިން އިސްކަންދޭ ތަރުތީބު ފާހަގަކޮށް ލިސްޓުގައި މިހާރު ތިބި މީހުންނަށް ވުރެ ހާލަތު ދައްކަމަށް ފާހަގަކުރެވިފައިވާ މީހަކު ވާނަމަ އެ މީހަކަށް އިސްކަން ދީގެން ލިސްޓް ތަރުތީބުކުރުމަށް ފަހު، އަތޮޅު ކައުންސިލްތަކުން އެކަން އެލްޖީއޭއަށް އެންގުމަށް ވަނީ އެދިފައެވެ.

އަތޮޅު ކައުންސިލްތަކަށް ތަރުތީބުކުރުމަށް ފޮނުވާފައިވާ ލިސްޓް އެލްޖީއޭގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ.

ސަރުކާރުން ބުނީ ރަށައްދާން ބޭނުންވެގެން 5،000 ވުރެ ގިނަ މީހުން އެކަމަށް އެދިފައިވާ ކަމަަށެވެ.