މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ގަދަ ވިއްސާރަ ކުރާނެ، އުދަ ވެސް އަރާނެ: މެޓް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯ ވިއްސާރަވިލާ އުފެދިފައިވާ ކަމަށް ގައުމީ މޫސުމާބެހޭ އިދާރާއިން ބުނެފި އެވެ.

މެޓް އޮފީހުގެ ޑައިރެކްޓަރު އަހްމަދު ރަޝީދު މިއަދު ވިދާޅުވި ގޮތުގައި ރާއްޖޭހެ މޫސުން ލަފާ ކުރާ ގޮތުން މިރޭ ގަދަޔަށް ވިއްސާރަކުރުން އެކަށީގެންވެ އެވެ. އެހެންކަމުން މިހާރު ނެރެފައިވާ ވައިޓް އެލާޓުގެ ވަގުތު ހަމަވުމުން އިތުރު އެލާޓެއް ނެރުން ކައިރި ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދިޔަވަރު ބޮޑުވާ ވަގުތުގައި ރަށްރަށައް އުދަ އެރުން އެކަށީގެންވާ ކަމަށެވެ. މި ވިއްސާރައާ އިންޑިއާގެ ކަނޑުގައި އުފެދިފައިވާ ތޫފާން ވާޔޫއާ ގުޅުމެއް ނުވާ ކަށާއި މީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް ވިދާޅުވި އެވެ.

މެޓް އޮފީހުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ބ. އަތޮޅުން ފެށިގެން ގދ. އާއި ހަމައަށް ވަނީ ބޯ ވިއްސާރަވިލާ އުފެދިފަ އެވެ. މި އަތޮޅުތަކަށް މިއަދު ހެނދުނު ނެރެފައިވާ ވައިޓް އެލާޓު މިހާރު ވަނީ މިރެއާ ހަމައަށް އިތުރުކޮށްފަ އެވެ. ފުރަތަމަ އެލާޓް ނެރުނީ މިއަދު މެންދުރު 2:00 ޖަހާ އިރަށެވެ.

މެންދުރުން ފަހު މޫސުން އިތުރަށް ގޯސްވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. އެގޮތުން ބޯކަށް ވާރޭވެހި ގަނޑިއަކު 45 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބައެއް ރަށްރަށުގެ ފެން ބޮނޑުވެފައިވާއިރު، ބައެއް ރަށްރަށައް ވަނީ އުދަވެސް އަރައިފަ އެވެ. އަހަރުގެ މޭ މަހާއި ޖޫން އަދި ޖުލައިގެ ދުވަސްވަރުގައި ރާއްޖެއަށް އަބަދުވެސް އުދަ އަރަ އެވެ.