ސުޕްރީމް ކޯޓުން މިދިޔަ ދެ ދުވަހު ރައްޔިތުން މަޖިލީހާ ގުޅޭ ގޮތުން ނެރުނު އަމުރު ގާނޫނުއަސާސީއާ ހިލާފު ކަމަށާއި މަޖިލީހުގެ ބާރަށް އަރައި ނުގަތުމަށް ގޮވާލާ ގަރާރު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން މަޖިލީހަށް ހުށަހެޅުއްވި ގަރާރު ފާސްވީ މަޖިލީހުގެ 68 މެންބަރުންގެެ އިއްތިފާގުންނެވެ.
އެ ގަރާރުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލާގައި އެ ކޯޓުން މިދިޔަ ހޯމަ ދުވަހާއި އިއްޔެ ނެރުނު އަމުރުގައި ޖޭއެސްސީގެ ނިންމުންތަކަށް ގޮތް ކަނޑައެޅުމުގެ ބާރު މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ލިބިގެން ނުވާނެ ކަމަށް ބުނެފައި އޮތުމަކީ މަޖިލީހުގެ ބާރުތަކާއި ރައްޔިތުންގެ ސީދާ ބާރު ހަނި ކުރުމުގެ އަމަލެއް ކަމަށެވެ. މަޖިލީހުގެ ބާރުތަކުގެ މައްޗަށް އަރައިގަނެވޭ ގޮތަށް ގާނޫނުއަސާސީއާ ހިލާފު އަމުރެއް ކަމަށް އިގުރާރުވާ ކަމަށާއި ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތަކުގެ އިމުގެ ތެރޭގައި ދެމި އޮތުމަށް އިރުޝާދު ދެއްވާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
އެ ބާރުތަކުގެ އިމުން ބޭރުވެ މަޖިލީހަށް ލިބިފައިވާ އެއްވެސް ބާރަކަށް އަރައިގަނެ މަޖިލީހަށް ނުފޫޒެއް ފޯރުވައިފި ނަމަ މަޖިލީހުގެ ބާރުތައް ނެގެހެއްޓުމަށް އަޅަން ޖެހޭ ކޮންްމެ ފިޔަވަޅެއް އަޅަން އިގުރާރުވާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
އެ ގަރާރަށް ބަހުސް ނިމެންދެއް މިއަދު މަޖިލިސް ކުރިޔަށް ގެންގޮސްފައިވާ އިރު އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވަނީ ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ރައްޔިތުންގެ އިތުބާރު ސުޕްރީމް ކޯޓަށް ނެތް ކަމަށާއި އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ވަކި ކުރުމަށް ވެސް ގިނަ މެންބަރުން ގޮވާލި އެވެ.
މަޖިލީހުގައި އިއްޔެ ވެސް ވަނީ ޖޭއެސްސީގެ ނިންމުމާ ދެކޮޅަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން ގާނޫނުއަސާސީއާ ހިލާފު ކަމަށް ނިންމާ ސުޕްރީމް ކޯޓަށް އެކަން އިލްތިމާސް ކުރަން ފާސްކޮށްފަ އެވެ.