ދުނިޔެ

ޝިއައީންނާއި ސުންނީންގެ އަލިފާންގަނޑު: ނިއުކްލިއާ ބޮމަކަށް ވުރެ ބޮޑު ނުރައްކަލެއް

Jul 21, 2015
1

އީރާނުގެ ނިއުކްލިއާ މައްސަލަ އަށް އެމެރިކާ އާއި ޗައިނާ އާއި ޔޫރަޕްގެ ބާރުތަކުން ސުލްހަވެރި ހައްލެއް ހޯދައި އެއްބަސްވުމެއް ގާއިމުކުރި ޚަބަރު ފެތުރުމުން އެކަމަށް މަރުހަބާ ކިޔުމަށް ރާއްޖޭގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި އެއްބަސްވުމުގެ ސަބަބުން މެދުއިރުމައްޗަށް ސުލްހަ ގެނެވި އެ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމުވެގެން ދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ފާހަގަކޮށްލަން ޖެހެނީ މި ބަޔާނެއް ނެރުނުއިރު، ޝިއައީންނާއި ސުންނީ މުސްލިމުންނާ ދެމެދު އޮތް އަރާރުމާއި ތަޅާފޮޅުމާއި ލޭ އޮހޮރުވުންތަކަށް އެއްވެސް ވަރެއްގެ ބަލައިލުމެއް ނެތް ކަމެވެ. އަދި އީރާނުގެ ނިއުކްލިއާ މައްސަލަ އަށް އެމެރިކާ އިސްވެ އޮވެ ހޯދި "ހައްލާ" ގުޅިގެން މެދުއިރުމަތީގެ މައްސަލަ އިތުރަށް ހޫނުވެގެން ހިނގައިދާނެ ކަމަށް ވެސް ލަފާކޮށްފައި ނެތުމެވެ.

ހަގީގަތަކީ މިއީ އެވެ. އީރާނުގެ ނިއުކްލިއާ މައްސަލަ އަށް ދުނިޔެ އިން ނަގައިގެން ހޯދީ ހައްލެއް ނޫނެވެ. އެއީ ލޭ އޮހޮރުވުމަކަށް ކެތްމަދުވެފައި ތިބި ޝިއައީންނާއި ސުންނީ މުސްލިމުންގެ މެދުގައި ރޯކޮށްލި އަލިފާންގަނޑެކެވެ. ހަގީގަތަކީ، މި އަލިފާންގަނޑުގެ ނުރައްކާ ނިއުކްލިއާ ބޮމަކަށް ވުރެން ވެސް ބޮޑު ކަމެވެ.

"ވަލުޖަނަވާރެއް އޭގެ ކަސްތޮޅުން ދޫކޮށްލެވިއްޖެ،" މިއީ އީރާނުގެ ނިއުކްލިއާ އެއްބަސްވުމުގެ ޚަބަރު ފެތުރިގެން ދިޔަ ހިނދު، ޖުމްލަ ގޮތެއްގައި އަރަބި ކަރައިގެ މީޑިއާތަކުން މި ޚަބަރުގެ ވާހަކަ ގެނެސްދިން ގޮތެވެ. ސުންނީ އަރަބިންނާއި ސުންނީންގެ ބާރުގަދަ ގައުމުތަކުގެ ސަރުކާރުތައް ތިބީ އެއްގޮތަށް ވެސް ހިތްހަމަޖެހިފައެއް ނޫނެވެ.

އެމެރިކާ އިން މިއޮތްހާ ދުވަހު އީރާނުގެ ހަތަރެސްފައިގައި ޖަހައިފައި އޮތް ކަސްތޮޅަކީ ސުންނީންގެ ނިކަން ބޮޑު ބޮލުރިހުމަކަށް ހޯދައިދީފައި އޮތް ފަރުވާއެކެވެ. ނަމަވެސް އެމެރިކާ އިން އެންމެފަހުން އީރާނާ އެކު ގާއިމުކުރި އެއްބަސްވުމަކީ އެ ފަރުވާ ހުއްޓުމަކަށް ގެނެސް ސުންނީން އެގައުމެއް ނުވަތަ އެ ބަޔަކު ދެކެ އެންމެ ޖެހިލުންވާ ނުވަތަ ކަންބޮޑުވާ "ދުޝްމަން" އެމީހުންނާ ދިމާލަށް ދޫކޮށްލުން ފަދަ ކަމެކެވެ.

އީރާނުގެ ނިއުކްލިއާ ޑީލަކީ އެގައުމާ ދެކޮޅަށް އެމެރިކާ އާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ނުވަތަ ލުއިކޮށްލަދޭނެ ޑީލެކެވެ. މީގެ ސަބަބުން އީރާނުގެ ތެލުގެ ވިޔަފާރި އާއި އެހެނިހެން ވިޔަފާރިތަކުގެ އިންޖީނު ނިކަން ބާރަށް އެނބުރިގަންނާނެ އެވެ. އެގައުމުގެ ތަރައްގީގެ ދުވެލި ވެސް ބާރުވެގެންދާނެ އެވެ.

ސުންނީ އަރަބި ގައުމުތައް ކަންބޮޑުވާ އެއް ސަބަބަކީ މިއީ އެވެ. މެދުއިރުމަތީގައި ކުރިން އަތްގަދަކުރި ގޮތަށް އީރާނުގެ ބާރުގަދަކޮށްފާނެތީ އެވެ. ބައެއް އަރަބިން ބުނަނީ ވެސް މިހެންނެވެ. އެމެރިކާ އިން އުޅެނީ ސުންނީ އަރަބި ގައުމުތަކާ އެކު އޮތް ގުޅުން ކުޑަކޮށް އީރާނާ ގުޅުން ވަރުގަދަކޮށް ފާރިސީންގެ ކިއްލާއަކަށް އަލުން މެދުއިރުމަތި ހަދައިދޭށެވެ.

ފަހަރެއްގައި އެމެރިކާ އިން އީރާނާ އެއްކޮޅަށް އަރަން މަޖުބޫރުވެފައި ވަނީ ސުންނީންގެ ތެރެއިން އުފެދި މެދުއިރުމަތީގެ ކޮންޓްރޯލް އަތުލުމަށް ހިފާފައިވާ ބާރުގަދަ ޓެރަރިސްޓް ޖަމާއަތް އިސްލާމިކް ސްޓޭޓް އެވެ. އެމެރިކާ އިން ބޭނުންވާ ގޮތަށް މި ޖަމާއަތާ ތަޅާފޮޅައި އެމީހުން މި ދުނިޔެ އިން ނައްތާލުމަށް މެދުއިރުމަތިން ތާއީދުކުރާ ހަމައެކަނި ގައުމަކަށް ފަހަރެއްގައި އީރާން ވުމަކީ ވެސް އީރާނާ ގުޅުން ބަދަހިކުރަން އެމެރިކާ އިން މިހާރު ޝައުގުވެރިވާނެ ސަބަބެވެ.

ކޮންމެއަކަސް އީރާނުގެ ފިޔަގަނޑު ހުޅުވާލެވޭ ވަރަށް އެމެރިކާ އިން އެ މީހުންގެ ވާތައް ދޫކޮށްލުމުން މެދުއިރުމަތީގައި އިސާހިތަކު އީރާނުގެ ބާރު ގަދަވެގެންދާނެކަން ޔަގީނެވެ. ހާއްސަކޮށް އިރާގާއި ލުބްނާނާއި ސީރިއާގައި އީރާނުން އެމީހުންގެ ބާރުގަދަކުރާނެވެ. މި ތިން ގައުމުގައި ތިބި އީރާނުގެ ވަފާތެރިންނަށް ހަތިޔާރު ވެސް ފޯރުކޮށްދޭނެ އެވެ.

އަނެއްކޮޅުން ސައޫދީން މިހާރު ބޮން އަޅަމުން އެ އަންނަ ޔަމަނުގައި ވެސް އީރާނުން އަތްގަދަކޮށްލާނެ ކަމަށް ބެލެވެ އެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަކީ އީރާނުގެ އަސްކަރިއްޔާ ވެސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހުޅުވިގެން ދިޔަ މުހިންމު ދޮރެކެވެ. 

އެހެންވީމަ ހަގީގަތަކީ އީރާނުގެ ނިއުކްލިއާ މައްސަލަ ހައްލުކުރުމަށް ހެދި ޑީލަކާ ގުޅިގެން މުޅި މެދުއިރުމަތި ނުރައްކަލެއްގެ ތެރެއަށް ވެއްޓިގެންދާނެ ކަމެވެ. މެދެއިރުމަތި މިހާރު ވެސް އެ އޮތީ ގާތްގަނޑަކަށް ސުންނާފަތިވެފަ އެވެ.

ގިނަ ގައުމުތައް އެ ދަނީ ދާޚިލީ ހަމަނުޖެހުންތަކުގެ ތެރެއަށް މަޑުމަޑުން ދަމައިގެންނެވެ. ހާއްސަކޮށް ސުންނީންގެ ބާރުގަދަ ގައުމުތަކުގެ ސަރުކާރުތައް އެ ވަނީ ނުރައްކަލަށް ހުށަހެޅިފަ އެވެ. މިފަދަ ނުރައްކަލެއް ވެސް ނެތީ އީރާނަށެވެ.

އީރާނުގެ ރައްޔިތުންގެ ތެރޭގައި ވެރިކަމާ ދެކޮޅު ބަޔަކު ތިއްބަސް އީރާން އެ އޮތީ މި ސިޔާސި ހަލަބޮލިކަމުގެ ތެރޭގައި ވެސް ނިކަން ހަމަޖެހިލައިގެންނެވެ. އެހެންވީމަ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަކީ އީރާނުން ދަތުރުކުރަމުންދާ މިސްރާބަށް އެމީހުންގެ ސަމުގާ ރަނގަޅަށް ހަރުކޮށްލުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ.

ސުންނީންނާއި ޝިއައީންގެ މެދުގައި ރޯވެފައި އޮތް ވާދަވެރިކަމާއި ނަފުރަތުގެ އަލިފާންގަނޑުގައި ޖެހި މި ގައުމުތައް އަނދައިގެންދާނެ ކަމަށް ބެލެވޭ ހިސާބަކީ މި ސަރަހައްދުގެ ބޮޑު ބާރަކަށް އީރާންވާ ހިސާބެވެ. ނަމަވެސް ތަޖުރިބާކާރުން ބުނަނީ އީރާނުގެ ބާރުގެ ދަށަށް މެދުއިރުމަތި ދާތަން ބަލަން ސުންނީ މުސްލިމުންގެ ބެލެނިވެރިޔާ ސައޫދީ އަރަބިއްޔާ މަޑުން ނޯންނާނެ ކަމަށެވެ.

އަނެއްކޮޅުން ސުންނީންގެ ތެރެއިން ހަތިޔާރު އެޅި ބަޔަކު އެ ވަނީ އަމިއްލަ އަށް އިސްލާމީ ހިލާފަތެއް އިއުލާނުކޮށްފަ އެވެ. މިއީ ވެސް ސުންނީންނާއި ޝިއައީންގެ ހުޅުގަނޑަށް އިތުރުވި ދަރުބުރިއެކެވެ.

އެހެންވީމަ އިސްލާމިކް ސްޓޭޓްގެ މުސީބާތާއި އީރާނާއި ސުންނީންގެ ބޮޑު ކުރިމަތިލުމެއްގެ ބަރުގެ އަޑު މި ދަނީ ބަލަން ތިއްބައި މެދުއިރުމަތީގައި ގަދަވަމުންނެވެ.