ބޭރު ކުޅިވަރު

ބާސާ އަށް 2015 ވަނަ އަހަރު ކުޅުންތެރިއެއް ނުގެނެވޭނެ

ލައުސޭން (ޑިސެމްބަރު 30) – އަންނަ އަހަރު ބާސެލޯނާ އަށް އެއްވެސް ޓްރާންސްފާއެއް ނުކުރެވޭ ގޮތަށް ފީފާ އިން އަދަބުގެ ދިން މައްސަލައިގައި ބާސާ އިން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް (ސީއޭއެސް) އަށް ކުރި އެޕީލް ނާކާމިޔާބުވެއްޖެ އެވެ.

ސާދަ މަސް ދުވަހުގެ މުއްދަތަކަށް ބާސާ އަށް ޓްރާންސްފާ ބާޒާރުގައި އެއްވެސް ކުޅުންތެރިއެއް ނުގަނެވޭ ގޮތަށް ފީފާ އިން އޭޕްރީލް މަހު އަދަބު ދިނީ 18 އަހަރުން ދަށުގެ ކުޅުންތެރިންތަކެއްގެ ޓްރާންސްފާގައި ބާސާ އިން ގަވައިދާ ހިލާފުވުމުންނެވެ.

ފީފާ އަށް ބާސާ އިން ކުރި އެޕީލް ނާކާމިޔާބުވި ނަމަވެސް، ސީއެއެސް އަށް ބާސާ އިން މި މައްސަލަ އެޕީލްކުރުމުން، މި އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ބާސާ އަށް ވަނީ ކުޅުންތެރިން ގެންނަން ފުރުސަތު ލިބިފަ އެވެ. ބާސާ އިން އެ ޓްރާންސްފާގައި ގެނައި ކުޅުންތެރިންގެ ތެރޭގައި އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް ވެސް ހިމެނެ އެވެ.

ސީއޭއެސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބާސާ އިން 18 އަހަރުން ދަށުގެ ކުޅުންތެރިންތަކެއް ގަވައިދާ ހިލާފަށް ގެނެސްފައިވާކަން ސާބިތުވާ ކަމަށާއި އެހެންކަމުން ފީފާގެ ނިންމުން ރަނގަޅު ކަމަށެވެ.

ބާސާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކްލަބުން ގަވައިދާ ހިލާފުވި ކަމަށް ބެލެވެނީ ފީފާގެ ގަވައިދުތަކާއި ސްޕެއިންގެ ގަވައިދުތަކުގެ މެދުގައި އޮތް "ފުށޫއެރުމެއް"ގެ ސަބަބުން ކަމަށެވެ. އަދި އެ ކްލަބުން އަމަލުކުރީ ރަނގަޅަށް ކަމަށް ގަބޫލްކުރާ ކަމަށާއި އެ ކްލަބަށް ދިނީ އެކަށީގެންވާ ވަރަށް ވުރެ ހަރުކަށި އަދަބެއް ކަމަށެވެ.

ސީއޭއެސް އަށް ކުރި އެޕީލްއާމެދު ގޮތެއް ނިންމަން ދެން ބާސާ އަށް ކުޅުންތެރިން ގެންނަން ފުރުސަތު ލިބުމުން، ހޫނު މޫސުމުގެ ޓްރާންސްފާގައި ބާސާ އިން ވަނީ ކުޅުންތެރިން ގެންނަން 150 މިލިއަން ޔޫރޯ ހޭދަކޮށްފަ އެވެ. -- ބީބީސީ