ޓޫރިޒަމް

ޓޫރިޒަމަށް ދޫކުރާ ރަށްތަކުގެ ލިސްޓު ނިންމައި ރައީސަށް ފޮނުވައިފި

އަންނަ ޖުލައި މަހުން ފެށިގެން ޓޫރިޒަމްގެ ވިޔަފާރިއަށް ދޫކުރާނެ ރަށްތަކުގެ ލިސްޓު ކަނޑައަޅައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމްގެ ވިޔަފާރިއަށް ދޫކުރާ އިތުރު ރަށްތަކުގެ ލިސްޓު ރައީސް އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

އެ ލިސްޓުގައި ހިމެނޭ ރަށްތަކުގެ ތަފުސީލާއި އަދަދެއް މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރަށްތަކާއި ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮތެއް ނިންމެވުމުން ރަށްތަކުގެ ލިސްޓު މިނިސްޓްރީން ހާމަ ކުރާނެ އެވެ. ރަށްތަކާ މެދު ރައީސް ގޮތެއް ނިންމަވާނީ ލޯކަލް ކައުންސިލްތަކާއި ކަމާ ގުޅޭ މުއައްސަސާތަކުގެ މަޝްވަރާ ތަކަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޕްރޮޕާ ކޮންސަލްޓީއެއް ނުހިންގައި ވަށައިގެންވާ ހުރިހާ ކަމަކަށް ނުބަލާ ރައީސް ގޮތެއް ނުނިންމަވާނެ. ރައްޔިތުން ކަންބޮޑުވާވަރުގެ ކަމެއް އަޅުގަނޑުމެން ނުކުރާނަން. ކަރުދާހުގައި ހިމެނޭ ރަށްތަކުގެ ލިސްޓާ މެދު ރައީސް ގޮތެއް ނިންމެވީމަ އާންމު ކުރާނެ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރަށްތައް ދޫކުރުމުގައި އެންެމެ ބޮޑަށް އިސްކަން ދޭން ނިންމާފައި ވަނީ މިހާރު ޓޫރިޒަމްގެ ވިޔަފާރި ފުޅާވެފައި ނުވާ އަތޮޅުތަކަށް ކަމަށެވެ. އެ ގޮތުން ބޮޑުތިލަދުންމަތި އަތޮޅާއި، އައްޑޫ ސިޓީއާއި ހުވަދު އަތޮޅުގެ އިތުރުން ލ. އަތޮޅު މިނިސްޓަރު ފާހަގަކުރެއްވި އެވެ. ރަށްތައް ބިޑަށް ހުޅުވާލާނީ ދެފުށްފެންނަ ގޮތަށް ކަމަށް އަލީ ވިދާޅުވި އެވެ.

މިނިސްޓަރު އަލީ ވަހީދު އިތުރަށް ވިދާޅުވީ ޓޫރިޒަމްގެ ދާއިރާ ތަރައްގީ ކުރުމަށް މި ސަރުކާރުން ވިސްނާފައި އޮތީ ހަ ޒޯނަކަށް ބަހާލައިގެންނެވެ.

ފުރަތަމަ ޒޯނަކީ ހއ. އަތޮޅު، ހދ. އަތޮޅު، އަދި ށ. އަތޮޅެވެ. ދެވަނަ ޒޯނަކީ ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު، ޅ. އަތޮޅެވެ. ތިންވަނަ ޒޯނަކީ މާލެ ސިޓީ ހިމެނޭ ގޮތަށް ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅެވެ. ހަތަރުވަނަ ޒޯނަކީ ވ. އަތޮޅު، މ. އަތޮޅު، ފ. އަތޮޅު، ދ. އަތޮޅު، ތ. އަތޮޅު، އަދި ލ. އަތޮޅެވެ. ފަސްވަނަ ޒޯނަކީ ގއ. އަތޮޅާއި ގދ. އަތޮޅެވެ. ހަވަނަ ޒޯނަކީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ އެވެ.