ފ. އަތޮޅުގައި ރިސޯޓް ތަރައްގީ ކުރަން ދެ ރަށެއް ބީލަމަށް ލާން ނިންމައިފި އެވެ.
ސަރުކާރުގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިކަން ހާމަކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ފ. އަތޮޅު ކައުންސިލަށް ވާދަ ކުރައްވާ ކެންޑިޑޭޓުންނާއެކު ރޭ ކުރިއަށް ގެންދިޔަ "ރަށްވެހި ފަތިސް" ކެމްޕޭން ބައްދަލުވުމުގެ ތެރޭ އެވެ.
ރައީސް ސޯލިހް ވިދާޅުވީ ފ. އަތޮޅުގައި ފަތުރުވެރިކަން ފުޅާ ކުރަން ސަރުކާރުން ބޭނުންވާތީވެ މި އަހަރުގެ ތެރޭގައި ދެ ރަށެއް ބީލަމަށްލާން ނިންމާފައިވާ ކަމަށެވެ. ނިންމާފައިވަނީ އެނބުލުފުއްޓާއި ޖިންނަތުގައު ބީލަމަށް ލާށެވެ،.
އެ އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ ތިން ރަށެއްގައި ރިސޯޓް ތަރައްގީކުރުމަށް ބަޔަކާ ހަވާލުކޮށްފަ އެވެ. އެއީ ހިމިއްޗާއި، މުށިމަސްގިލި އަދި މާފުށްޓެވެ. އެކަމަކު އެ ތިން ރަށުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ވިދާޅުވެ ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"[މިއީ] އެއްވެސް މަސައްކަތެއް މަޝްރޫއެއް ކުރިއަށް ނުދާ ތިން ރަށް ކަމަށްވާތީ ޓޫރިޒަމް މިނިސްޓްރީއާއެކު އަޅުގަނޑުމެން މިދަނީ މިރަށްތަކާ މެދު އަވަސް ހައްލުތަކެއް ހޯދަމުން،" ރައީސް ވިދާޅުވި އެވެ.
ފ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ހިންގަމުންދަނީ ހަމައެކަނި ފިލިތެޔޮ އައިލެންޑް ރިސޯޓެވެ. އެރަށުގެ އެއް ހިއްސާދަރަކީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމެވެ.