ދުނިޔެ

ޚާޝުގްޖީގެ މަރާ ސައުދީ ވަލީއަހުދާ ގުޅުންވޭ: ރިޕޯޓް

ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލުމާއި ސައުދީ އަރަބިއްޔާގެ ވަލީ އަހްދު މުހައްމަދު ބިން ސަލްމާންއާ ގުޅުމެއް ވާކަމަށް އދ. ގެ ރިޕޯޓެއްގައި ބުނެފި އެވެ.

ގިނަ ފަރާތްތަކަކުން ބަލަން ބޭނުންވެފައިވާ އދ. ގެ އެކްސްޓްރާޖުޑިޝަލް އެގްޒެކިއުޝަންް އިންވެސްޓިގޭޓާ އެގްނިސް ކަލަމާޑް ތައްޔާރުކޮށްފައިވާ ރިޕޯޓް އިއްޔެ ނެރެފައިވާއިރު އެ ރިޕޯޓުގައި ޚާޝުގްޖީ މަރާލުމުގައި ސައުދީ އަރަބިއްޔާގެ ރަސްކަމުގެ ވަލީއަހުދުގެ އަތެއް ވާ ކަމަށާއި ސައުދީއިން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

ރިޕޯޓް ޝާއިއުކުރިތާ ކުޑަ ވަގުތުކޮޅެއް ފަހުން އަލްޖަޒީރާގެ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ކަލަމާޑް ވިދާޅުވީ އެ ރިޕޯޓް ތައްޔާރު ކޮށްފައި ވަނީ އޭނާއަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި ކަމަށާއި ޚާޝުގްޖީ މަރާލާފައި ވަނީ ކުރީ ބައިގައި ވިސްނައި ވަރަށް ބޮޑަށް ރާވައިގެން ކަމަށް އޭނާއަށް ޔަގީން ކުރެއްވޭ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު ދެވަނަ ދުވަހު ތުރުކީގެ ސައުދީ ކޮންސިއުލޭޓް ތެރޭގައި ޚާޝުގްޖީ މަރާލި ހާދިސާ އާއި ގުޅިގެން އެކަމާމެދު މުޅި ދުނިޔެއިން އަޑު އުފުލާފައި ވާއިރު އޭގެ ތުހުމަތު ސައުދީ ވަލީއަހުދަށް ގިނަ ބަޔަކު ކުރެއެވެ.

ޚާޝުގްޖީ ސައުދީ ކޮންސިއުލޭޓް ތެރެއަށް ވަނުމުގެ މިނެޓްކޮޅެއް ކުރިން ތުރުކީގެ ޖާސޫސީ އިދާރާއިން ރެކޯޑްކޮށްފައިވާ އޯޑިއޯ ފައިލަކުން އަޑުއިވޭ ވާހަކަތައް ވެސް ސަތޭކަ ސޮފްހާގެ ރިޕޯޓުގައި ހިމަނާފައި ވެއެވެ.

އެ އޯޑިއޯ ރެކޯޑިންގް ގައި ސަލްމާންގެ ގާތް އެހީތެރިއެއް ކަމަށްވާ މާހިރް އަބްދުލް އަޒީޒް މުތުރިބް "އުނަގަނޑު ދަބަހަކަށް ލެވޭނެ ގޮތެއް ވާނެތޯ" އަހަ އެވެ. އެ ސުވާލުގެ ޖަވާބުގައި ސައުދީގެ މަޝްހޫރު ފޮރެންސިކްސް ޑަކްޓަރެއް ކަމަށްވާ ސަލާހް މުހަންމަދު އަބްދައް ތުބައިގީ "ނޫނެކޭ. މާ ބަރުވާނޭ" ބުނާ އަޑު އިވެ އެވެ. އެއަށް ފަހު އަޑުއިވެނީ ޚާޝުގްޖީ މަރާލަން ފަސޭހަ ވާނެ ކަމަށް އުންމީދު ކުރާކަމަށް އޭނަ ބުނާ އަޑެވެ.

"ހުޅުތަކުން ވަކި ކުރެވޭނެ. އެއީކީ މައްސަލައެއް ނޫން. ހަށިގަނޑު ބަރުވާނެ. ފުރަތަމަ ފަހަރު އަހަރެން ކަނޑާނީ ބިންމަތީގަ ބާއްވައިގެން. ކުދިކޮށް ކޮށާފަ ޕްލާސްޓިކް ކޮތަޅަށް އެޅީމަ މިކަން ނިމިދާނެ. ހުރިހާ އެއްޗެއް ރަނގަޅަށް ބަންދު ކުރާނީ ލެދަރު ދަބަހަށް އަޅައިގެން" އޯޑިއޯ ރެކޯޑިންގް ގައި ތުބައިގީ ބުނާ އަޑު އިވެއެވެ.

އޭނަ މިވަގުތު ކުރާކަމެއް ބޮޑު މީހާއަށް ނޭނގޭނެ ކަމަށާއި ކަމެއް ގޯސްވެއްޖެ ނަމަ އޭނަގެ ދިފާއުގައި އެއްވެސް މީހަކު ނުހުންނާނެ ކަމުގެ ކަންބޮޑުވުން ވެސް ތުބައިގީ ފާޅުކުރެ އެވެ. ދެމީހުންގެ ދެމެދުގައި ދައްކާާ ވާހަކަތައް ނިމުމަކާއި ހަމައަށް ގާތްވެފައި ވަނިކޮށް "ގުރުބާންކުރާ ޖަނަވާރު" އައިސްފިތޯ މުތުރިބް އަހަ އެވެ.

އިސްތަންބޫލްގެ ގަޑިން 13:13 މިނެޓުގައި ކޮންމެސް މީހަކު އޭނަ އައިސްފިއޭ ބުނާ އަޑު ވެސް އިވެއެވެ. ނަމަވެސް އެ ރެކޯޑިންގް ގައި ޚާޝުގްޖީގެ ނަންގަނެފައެއް ނުވެއެވެ.

ކަލަމާޑްގެ ރިޕޯޓް ނެރުމާއި ގުޅިގެން ސައުދީގެ މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަދެލް އަލް ޖުބެއިރް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވަނީ ކަލަމާޑް ދައްކަނީ މީގެ ކުރިން ބަޔަކު ނުދައްކާ ވާހަކަތަކެއް ނޫން ކަމަށާއި އަދި އެ ވާހަކަތަކަކީ މާކުރިން ވެސް މީޑިއާތަކުގައި އާންމުވެފައިވާ ވާހަކަތަކެއް ކަމަށެވެ.

ޚާޝުގްޖީގެ މަރު ސައުދީއިން ސިފަ ކޮށްފައި ވަނީ ސައުދީއިން ޚާޝުގްޖީ އަނބުރާ އެ ގައުމަށް ގެންދަން ކުރި މަސައްކަތް ގޯސްވެގެން ހިނގާފައިވާ ހާދިސާއެއްގެ ގޮތުގަ އެވެ.

ކުރީގެ އެމެރިކާގެ ސަފީރެއްކަމަށްވާ މެތިއު ބްރައިޒާ ވިދާޅުވާ ގޮތުގައި އެންމެ ފަހުގެ ހޯދުންތަކުން ޚާޝުގްޖީގެ މަރަކީ ރާވައިގެން ކޮށްފައިވާ ކަމެއްކަން ސާފުކޮށް އެނގެން އެބައޮތެވެ. ކަން އެހެން އޮތްއިރު އެކަންތައް ކުރަން އަމުރުކުރީ ކޮން ފަރާތަކުންކަން ސައުދީ ސަރުކާރުން ސާފުކޮށް ދޭން ޖެހޭނެ އެވެ. އަދި މިހާތަނަށް ވެސް ފެނިފައި ނުވާ ޚާޝުގްޖީގެ ހަށިގަނޑު ވީތަނެއް ވެސް ހޯދަން ޖެހޭނެ އެވެ. ބްރައިޒާ ވިދާޅުވަނީ އެ ރިޕޯޓުގެ ސަބަބުން އިންސާފަށް މަގު ފަހިވެގެން ދާނެ ޖާގަ ލިބޭ ކަމަށެވެ.

އެމެރިކާގެ ސެންޓްރަލް އިންޓެލިޖަންސް ބިއުރޯ (ސީއައިއޭ) އާއި ހުޅަނގުގެ އެހެން ބައެއް ގައުމުތަކުން ވެސް ޚާޝުގްޖީގެ މަރާއި ސައުދީއާއި ގުޅުމެއް ވާކަން ގަބޫލު ކުރާކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

އެ މައްސަލާގައި ސައުދީއިން 11 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ބުނެފައިވާއިރު ހައްޔަރު ކުރީ ކޮން ބައެއްކަން ސައުދީން ހާމަކޮށްފައި ނުވާތީ އެކަމަށް ފާޑު ވިދާޅުވެ މަރުގެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ ނަން އެންގުމަށާއި އެމީހުންނާމެދު އަމަލުކުރި ގޮތް ހާމަކުރުމަށް ކެލަމާޑް ސައުދީ ސަރުކާރަށް ގޮވާލި އެވެ.

އޭގެ އިތުރުން ބައިނަލް އަގްވާމީ ގޮތުން މަރުގެ މައްސަލަ ތަހުގީގުކޮށް ސައުދީއިން ޖަވާބުދާރީ ނުވާހާ ހިނދަކު އެ ގައުމާމެދު ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

ކަލަމާޑްގެ ރިޕޯޓް ޖޫން 26 ގައި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހެޅުމަށް ތާވަލްކޮށްފައި ވާއިރު 47 މެމްބަރު ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ ވެސް ހިމެނެ އެވެ.