ހަބަރު

ހެލްތު މިނިސްޓްރީން ކުރި އިއުލާން ބާތިލްކޮށްފި

އޯލެެވެލް ފެންވަރާއެެކު 20،000 ރުފިޔާގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރެއްގެ ވަޒީފާ އަކަށް މިނިސްޓްރީ އޮފް ހެލްތުން ގެޒެޓު ކުރި އިއުލާން ބާތިލް ކޮށްފި އެވެ.

ހެލްތު މިނިސްޓްރީ އިން އިއްޔެ ގެޒެޓު ކުރި އިއުލާނުގައި ބުނެފައިވަނީ، އެ މިނިސްޓްރީ އަށް ބޭނުންވާ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ ފެންވަރު ނުވަތަ ޝަރުތަކީ ޖީސީއޯލެވެލް ފެންވަރާއެކު ހަބަރު ފަތުރާ ވަސީލަތެއްގައި މަދުވެގެން ތިން އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން ކަމަށެވެ. އަދި، ޖީސީއޯލެވެލް ފެންވަަރުގައި 20،000 ރުފިޔާ ލިބޭނެ ކަމަށާއި އޮފިސަރުގެ ރަސްމީ ގަޑިއަކީ ހެނދުނު 8:00 އިން 14:00 އަށް ކަމަށްވެސް އިއުލާނުގައި ވެ އެވެ.

މި އިއުލާނަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެ، ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުން އާއްމުން ބުނެފައިވަނީ، ކޮމިއުނިކޭޝަންސް އިން މާސްޓާސް ނަގާފައި ތިބޭ މީހުންނަށް އެވަރުގެ މުސާރައެއް އިތުރުގަޑި ހިމަނައިގެންވެސް ނުލިބޭ ކަމަށެވެ. އަދި މިއީ ވަކި މީހަކަށް ހާއްސަކޮށް ކޮށްފައިވާ އިއުލާނެއް ކަމަށްވެސް ބައެއް ފަރާތްތައް ބުނެފައި ވެ އެވެ.

ހެލްތު މިނިސްޓްރީ އިން ކުރި އިއުލާން--

ހެލްތު މިނިސްޓްރީއަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓުން ވަނީ އެ އިއުލާނަކީ އިދާރީ މައްސަލައެއްގެ ސަބަބުން އޮޅިގެން ކުރެވިފައިވާ އިއުލާނެއް ކަމަށް ބުނެފަ އެވެ. އަދި އިއްޔެ ގެޒެޓު ކުރި އިއުލާން ބާތިލްކޮށްފައިވާ ކަމަށްވެސް ޓްވީޓުގައި ބުނެފައި ވެ އެވެ.

ސަރުކާރު މުވައްޒަފުންގެ ގޮތުގައި ގާތްގަނޑަކަށް 23،000 ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ އޮފިސާ ލެވެލްގެ މީހަކަށް މަހަކު 5،000ރ. ނުލިބެ އެވެ. އޭގެ ތެރެއިން 10،000ރ. ގެ މުސާރައެއް ގެއަށް ގެންދަން ލިބެނީ ޑިގްރީ ފުރިހަމަކޮށްފައި ތިބޭ މުވައްޒަފުންނަށެވެ. އަދި، ނިސްބަތުން މުސާރައިގެ ބޮޑު ފަރަގެއް އޮންނާތީ ސިވިލް ސާވަންޓުންގެ ޝަކުވާ އަބަދުވެސް އެކަމަށް އޮވެ އެވެ.