ހަބަރު

ސިވިލް ސާވަންޓުންނަށް އިތުރު ލުއި ދޭން މަޝްވަރާކޮށްފި

Dec 9, 2020
1

ސިވިލް ސާވިސް މުވައްޒަފުންނަށް ދިމާވާ ދަތިތައް ހައްލުކުރުމާއި، އިތުރު ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުންނާއެކު މަޝްވަރާ ކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި، އެންމެ އިސްކަމެއްގެ ގޮތުން މަޝްވަރާކުރެވިފައި ވަނީ، ސިވިލް ސާވަންޓުންގެ ތެރެއިން ސިއްހީ ގޮތުން ޒަރޫރީ ހާލަތެއް މެދުވެރިވުމާއި، ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ ހާލަތްތަކާއި، އާއިލާގެ މެންބަރަކަށް ކުރިމަތިވާ ސިއްހީ ހާލަތެއްގައި އެ މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތުތަކާ އެއްކިބާވާންޖެހޭ ހާލަތްތަކުގައި، ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމާ ގުޅޭގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިގޮތުން، މުސާރައާއި އިނާޔަތްތައް ލިބޭނެ ގޮތަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި ލިބޭ ދުވަހުގެ އަދަދު އިތުރުކޮށްދިނުމަށް ސިވިލް ސާވިސްގެ ގަވައިދަށް ގެންނަންޖެހޭ އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން، ސިވިލް ސާވަންޓުން ގޮތުގައި މަސައްކަތްކުރާ ތެލެސީމިއާ ފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ބާކީވިޔަ ނުދީ، ވަޒީފާގެ އިތުރު ފުރުސަތުތައް ތަނަވަސްކޮށްދިނުމާ ގުޅޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނުކަމަށް ބުންޏެވެ.

އަދި، މި ބަދަލުތައް ގެނައުމުގައި ކުރިމަތިވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން ވެސް ސީއެސްސީގެ މެންބަރުން ވަނީ ނައިބު ރައީސާއެކު މަޝްވަރާ ކުރައްވާފަ އެވެ.

ސިވިލް ސާވިސްއަށް މިފަދަ ހެޔޮ ބަދަލުތަކެއް ގެނައުމާއި، މުވައްޒަފުންނަށް ކުރިމަތިވާ އެކިއެކި ދަތިތައް ހައްލުކޮށްދިނުމާއި، އެ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް އިންތިޒާމުކޮށްދިނުމަކީ ސަރުކާރުގެ އިސް އަމާޒެއްކަމަށް ރައީސް އޮފީހުން ބުންޏެވެ.