ރ. ހުޅުދުއްފާރާއި އެ އަތޮޅު އުނގޫފާރު ކައުންސިލް މެންބަރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލު ކުރައްވައިފި އެވެ.
ދެ ކައުންސިލްގެ މެންބަރުންނާއި ވަކިވަކީން ރައީިސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ދެރަށު ކައުންސިލުން ވެސް ވަނީ އެ ދެރަށް ދިމާވެފައިވާ ދަތިތަކާއި އެންމެ ބޮޑަށް ބޭނުންވާ ކަންކަން ރައީސާ ހިއްސާ ކުރައްވާފަ އެވެ.
އެގޮތުން ހުޅުދުއްފާރު ކައުންސިލުން ވަނީ އެރަށަށް ދިމާވެފައިވާ ރަށް ގިރުމާއި ކުށް ގިނަވަމުން ދާ މައްސަލައާ ރަށުގައި ބޯޓު ފަހަރާއި އޮޑި ފަހަރު އެހެލޭނެ ވަކި ހާއްސަ ސަރަހައްދެއް ނެތުމުން ދިމާވާ ގޮންޖެހުންތަކާއި ރަށުގައި އެކަށީގެންވާ ގޮތަށް ކުނި މެނޭޖް ކުރެވޭނެ ގޮތެއް ނެތުމުން ދިމާވާ މައްސަލަތައް ހިއްސާކޮށްފަ އެވެ.
އުނގޫފާރު ކައުންސިލުން ވެސް ވަނީ އެރަށަށް ދިމާވެފައިވާ ދަތިތަކާއި ބޭނުންވާ ކަންކަން ހިއްސާކޮށްފަ އެވެ. އެގޮތުން ރަށުގެ މަގުހެދުމުގެ މަޝްރޫއު ހުއްޓިފައިވާތީ އެކަން އަލުން ފަށާއިރު ގެންނަން ޖެހޭ ބައެއް ބަދަލުތަކާއި ހޮސްޕިޓަލަށް އިތުރު ވަސީލަތްތަކާއެކު ތަރައްގީކުރުމުގެ އިތުރުން ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތަކާއި ބެހޭ ގޮތުން ރައިސްއާ މައުލޫމާތު ހިއްސާކުރި އެވެ.
ރައީސ ވަނީ އެ ދެ ރަށުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.