ކުރިއަށް އޮތް ރިޔާސީ އިންތިހާބު ގަސްދުގައި ދެވަނަ ބުރަކަށް ގެންދިއުމަށް ބައެއް ބޭފުޅުން ކުރިމަތިލައްވައިގެން އެބަ ތިއްބެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރ. އުނގޫފާރުގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ އިންތިހާބު ދެވަނަ ބުރަކަށް ގެންދިޔުމަކީ އެއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. މި އިންތިހާބު ނިންމަން ވާނީ އެއްބުރުން ކަމަށާއި އެއްބުރުން ނިމިގެންދާނެ ކަމުގެ މަންޒަރު އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.
ވޯޓު ލުމުގައި ގޮތް ނިންމުމަކީ ރާއްޖޭގެ ރައްޔިތުންގެ އަތުގައި އޮތް ވަރަށް ބޮޑު އަމާނާތެއް ކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ. ރާއްޖޭގެ މުސްތަގުބަލަށްޓަކައި ގޮތެއް ނިންމުމަށް ރައްޔިތުން ލާ ވޯޓަކީ ގާނޫނުއަސާސީން އެ މީހުންނާއި ހަވާލުކޮށްފައި އޮތް ވަރަށް ބޮޑު އަމާނާތެއް ކަމަށްވެސް ވިދާޅުވި އެވެ.
"ގައުމުގެ މިސްރާބު ކުރިއަށް ގެންދާނެ ގޮތް ނިންމުމުގެ ފުރުސަތު އަނެއްކާވެސް އަޅުގަނޑުމެން އެންމެންނަށް ލިބިގެން މިދަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރިމަތިލައްވައިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން އަނިޔާވެރިކަމާއި ބިރުވެރިކަން ރަމްޒުކޮށްދޭ ބޭފުޅުންވެސް އެބަތިއްބެވި ކަމަށެވެ. އަދި ދެން ތިއްބެވި ބޭފުޅުންނަށް ވޯޓުލައިފިނަމަ އެ ވޯޓު ވެގެންދާނީ ބޭކާރު ވޯޓަކަށް ކަމުގައިވެސް ވިދާޅުވި އެވެ.
އުނގޫފާރަށް ނިސްބަތްވާ ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޑރ. އަފްރާޝީމް އަލީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އަނިޔާވެރި ގޮތަކަށް މަރާލާފައިވާތީ ރަށުގެ ރައްޔިތުން އެކަމަށް ވިސްނުމަށް ރައީސް އެދިވަޑައިގެންފި އެވެ. އަނިޔާވެރިކަން އޭރު ހައްދުފަހަނައަޅާފައި އޮތް މިންވަރު އެއްވެސް މީހަކު ހަނދާން ނައްތާލައިގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ދީނީ އިލްމުވެރިއެއް ވިޔަސް، ސިޔާސީ ލީޑަރެއް ވިޔަސް، ނޫސްވެރިއެއް ވިޔަސް، އެ ދުވަހު ކުރިމަތިލާން ޖެހިފައިވަނީ ބިރުވެރިކަމާއި ނާމާން ކަމުގެ ތެރެއަށް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެ ޓީވީގައި ހުޅު ރޯކޮށްލީވެސް ނިމިދިޔަ ސަރުކާރުގެ އަނިޔާވެރިކަމުގެ ތެރޭގައި ކަމަށާއި ސިޔާސީ އެތައް ބޭފުޅަކާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންވެސް ހައްޔަރުކުރީ އޭރުގެ އަނިޔާވެރިކަމުގެ ތެރެއިން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
"ފަރެސްމާތޮޑާގައި ހުންނަވަނިކޮށް ރައީސް ނަޝީދު ހިފާ ހައްޔަރުކޮށްގެން ގެނެސް ދޫނިދޫއަށްލީ. މީ އެދުވަސްވަރުގެ ހާލަތު،" ރައީސް ވިދާޅުވި އެވެ.
ހަތް އަހަރު ދުވަސް ވަންދެން އަނިޔާވެރިކަމާއި ދަތި އުނދަގޫތަކާ ކުރިމަތިލުމަށްފަހު އެކަމުން ސަލާމަތް ވެވުނީ 2018 ވަނަ އަހަރުގައި ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ފުރިހަމައަށް ބަސް ބުނުމުގެ ފުރުސަތުވެސް މިއަދު ދެވިއްޖެ ކަމަށާއި ނޫސްވެރިންނަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން މިއިން ދުވަހަކު ނުލިބޭ ވަރަށް މިހާރު ލިބިފައިވާނެ ކަމަށެވެ. މީގެ އިތުރަށް ސިޔާސީ ލީޑަރުންނަށް ބަސް ބުނުމުގެ ފުރުސަތުވެސް ވާނީ ފަހިވެފައި ކަމަށާއި ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގުމުގައި ތަފާތު ކުރުމެއް ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމަށްފަހު ރައްޔިތުން އެމަނިކުފާނާއި ހަވާލުކުރި މަސައްކަތުގެ ބޮޑުބައި މިހާރު ނިމިއްޖެ ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
ރައީސްގެ އުނގޫފާރުގެ ވައުދުތައް
- ބަނދަރު ހަދައިދިނުން
- މޫދަށް އެރޭ ސަރަހައްދެއް ހަދައިދިނުން
- ދޯނި އެހެލާ ސަރަހައްދެއް ހަދައިދިނުން
- ބިން ހިއްކުން
- ހައުސިން ޔުނިޓު އަޅައިދިނުން
- ސްކޫލްގެ އާ އިމާރާތެއް އަޅައިދިނުން
- ސްކޫލަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުން
- ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރުން
- ފުޓުބޯޅަ ދަނޑުގައި ރޮސްޓްރޮމަކާއި އެކު ސިޑިބަރި ގާއިމުކުރުން
- ހޮސްޕިޓަލްގައި އެކޮމޮޑޭޝަން ބްލޮކެއް
ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުން ވިސްނަން ވާނީ މުޅި ގައުމަށާއި އެ މީހަކު ދިރިއުޅޭ ތަނަށް ރަނގަޅު ގޮތްތައް ވުމަށް ކަމަށެވެ.