ޓޫރިސްޓް އެރައިވަލް

ޗައިނާ ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ

Jun 21, 2019

ރާއްޖެއަށް އަންނަ ޗައިނާ ޓޫރިސްޓުންގެ އަދަދު ދަށްވަމުން ދިއުމަށްފަހު، އެ މާކެޓް ބޮޑު ތަނުން ކުރިއަރަން ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ މަހު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ޗައިނާ އިން 21,010 މީހުން އައެވެ. މިއަދަދަކީ އޭގެ ކުރީ އަހަރު އައިސްފައިވާ 16,927 މީހުންނާ އަޅާ ބަލާއިރު 24.1 ޕަސެންޓުގެ އިތުރުވުމެކެވެ.

ޗައިނާއިން މި އަހަރުގެ ޖެނުއަރީން މެއި މަހުގެ ނިޔަލަށް 116,282 މީހުން ރާއްޖެ އައިސްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 104,559 މީހުންނާ އަޅާ ބަލާއިރު 15.5 ޕަސެންޓުގެ އިތުރު ވުމެކެވެ. މިއާއެކު ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން މީހުން އަންނަ އެއް ގައުމުގެ ގޮތުގައި އޮތް އޮތުން މިވަނީ ދަމަހައްޓާފަ އެވެ. އަދި އެހެން ގައުމުތަކާއި ދެމެދު އޮތް ފަހަރުގައި ވެސް ވަނީ ބޮޑުވެފަ އެވެ.

މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ރާއްޖެއަށް ފުރަތަމަ ޓޫރިސްޓަކު އައި އިޓަލީވިލާތުން ނެވެ. އެ ގައުމުން މިދިޔަ މަހު އައި 71,334 މީހުންނާއެކު 9.7 ޕަސެންޓުގެ ކުރިއެރުމެއް ލިބުނެވެ. އަދި ތިން ވަނައަށް އެންމެ ގިނައިން މީހުން އައިސްފައިވަނީ އިންޑިއާއިންނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މޭ މަހު ރާއްޖެ އަށް 103022 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 10.9 ޕަސެންޓުގެ ކުރިއެރުމެެކެވެ. މި އަހަރުގެ މެއި މަހުގެ ނިޔަލަށް 749114 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 18.4 ޕަސެންޓުގެ ކުރިއެރުމެކެވެ.