ހަބަރު

ކުޑަކުދިންނަށް މަސްބާނަން ދަސްކޮށްދޭ ހަރަކާތެއް ކުރިއަށް ގެންގޮސްފި

އިންޓަނޭޝަނަލް ގޭމް ފިޝް އެސޯސިއޭޝަން (އައިޖީއެފް) އާއި ގުޅިގެން ރާއްޖޭގައި މަސް ބާނަން ދަސްކޮށްދޭ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

މި އިވެންޓަކީ އައިޖީއެފްގެ 80 ވަަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ އިވެންޓެކެވެ. އައިޖީއެފްގެ 80 ވަނަ އަހަރީ ދުވަހަކު ޝިއާރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއްލައްކަ ކުދިންނަށް މަސް ބާނަން ދަސްކޮށްދިނުމެވެ.

އެ ޝިއާރާ ގުޅިގެން ހުޅުމާލޭގައި ބީޗް ސަހަރައްދުގައި އިއްޔެ ކުރިއަށް ދިޔަ އިވެންޓުގައި ވަނީ 5 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިން ބައިވެރި ކުރުވާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނުނު 37 ކުއްޖަކަށް މަސް ބާނަން ދަސްވިކަމުގެ ބައިނަލްއަގްވާމީ ފެންވަރުގެ ސެޓްފިކެޓެއް ދިނެވެ.

އައިޖީއެފްގެ ރާއްޖޭގެ މެމްބަރު އަހުމަދު އަފްޒަލް ރަޝީދު ވިދާޅުވީ، އައިޖީއެފްގެ އަމާޒަކީ މި ޕްރޮޖެކްޓު ރާއްޖޭގެ އެކި ހިސާބު ތަކުގައި ވީހާވެސް ފުޅާކޮށް ކުރިއަށް ގެންދިއުން ކަމަށެވެ. އިއްޔެގެ އެ ހަރަކާތަށް އެޗްޑީސީން ވަނީ އެހީ ވެދީފަ އެވެ.

ރާއްޖޭގެއަކީ ތިމާވެއްޓާ ރައްޓެހި މަސްވެރި ކަމެއް ކުރާ ގައުމެކެވެ.