އިތިއޯޕިއާގެ އަމްހަރާ ސަރަހައްދީ ސަރުކާރާއި އިދިކޮޅަށް އިއްޔެ ކުރަން އުޅުނު ބަޣާބާތެއް ނާކާމިޔާބުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. އަމްހަރާ ރީޖަނަލް ސްޓޭޓްގެ ވެރިކަމާއި ދެކޮޅަށް ބަޣާވާތް ކުރަން އުޅެފައިވާކަން އިތިއޯޕިއާގެ ޕްރެސް ސެކްރެޓަރީ ނެގުއްސު ތިލަހުން ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.
ބަޣާވާތް ކުރިއަށް ދިޔަ ވަގުތު އަޑިސްއަބާބާގައި ހުންނަ އެމެރިކާ އެމްބަސީން ވެރިރަށް ބާހިރްދަރްގައި ބަޑިޖެހުމާއި ހަމަނުޖެހުންތަކެއް ހިންގަމުން ދާ ކަމަށް ބުނެ ސަލާމަތީ ކުއްލި ހާލަތެެއް ވަނީ އިއުލާންކޮށްފަ އެވެ.
ވެރިއެއްގެ މަގާމުގައި އަންބަޗިއު މެކޮނެން ހުންނަވާ އިތިއޯޕިއާގެ ނުވަ ސްޓޭޓްގެ ތެރެއިން އެ ގައުމުގެ ހުޅަނގު އުތުރަށް އޮންނަ އަމްހަރާ ސްޓޭޓްގައި ބާޣާވާތް ކުރަން އުޅެފައިވަނީ ކޮން ބައެއްކަން މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
އަމްހަރާގެ ވެރިކަންކުރާ ރަށް ބާހިރް ދަރު ގައި ބަޣާވާތް ކުރަން މަސައްކަތް ކޮށްފައިވާ ފަރާތްތަކާމެދު އިތިއޯޕިއާގެ ސިފައިން ފިޔަވަޅު އަޅާފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަބިއްޔު އަހްމަދު ކުރެއްވި ޓްވީޓްއެއްގައި ވިދާޅުވެފައި ވެއެވެ.
އިތިއޯޕިއާގެ ކުރީގެ ބޮޑުވަޒީރު ހައިލެމެރިއެމް ޑިސަލެން ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވުމަށް ފަހު އެ ގައުމުގެ ބޮޑުވަޒީރު ކަމަށް އަބިއްޔު އަހްމަދު އެޕްރީލް 2018 ގައި ހޮވިވަޑައިގަތެވެ. އޭނާ ވބޮޑުވަޒީރުކަމާއި ހަވާލުވެ ގައުމަށް ވަނީ ސިޔާސީ ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައި ދެއްވާފަ އެވެ.