ރާއްޖެއިން އިންޑިއާއާއެކު ގާއިމު ކުރަން އުޅޭ ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސްވުމާ މެދު 10 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު ގާއިމު ކުރަން އުޅޭ އެއްބަސްވުން ދިރާސާ ކުރުމުގެ މަސައްކަތް ނިންމަން ސުންގަޑިއަށް މިއަދު ހަމަޖެއްސުމަށް އެދިވަޑައިގެންފައި އެވެ.
އެކަމާ ގުޅިގެން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހުށަހެޅުއްވީ 10 ދުވަސް ތެރޭގައި އެއްބަސްވުން ދިރާސާ ކުރުމުގެ މަސައްކަތް ކުރުމަށެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދެވެ. އެ ހުށަހެޅުއްވުން ކޮމިޓީން ފާސްކުރީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
އެއްބަސްވުން ދިރާސާ ކުރުމުގެ މަސައްކަތް އަވަސް ކުރުމަށް ގައުމީ ސަލާމަތުގެ ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީއެއް ވަނީ ނަގާފަ އެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އުޝާމާއި ޝަރީފުގެ އިތުރުން މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމެވެ.
ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ އެއްބަސްވުމަކީ ގާނޫނުތަކަށް ފެތޭ އެއްބަސްވުމެއްތޯ ކަށަވަރު ކުރަން ޖެހޭތީ އެ މަސައްކަތް އަވަހަށް ކުރާނެ ގޮތެއް ހޯދަން ޖެހޭނެ ކަމަށެވެ. އެކަމާ ގުޅިގެން މުގައްރިރު ޝަރީފު ވިދާޅުވީ އެއްބަސްވުމަށް އެޓާނީ ޖެނެރަލް އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފާ ހޯދާފައިވާ ކަމަށާއި ރައީސް އޮފީހުން ކޮށްފައިވާ ދިރާސާ ކަރުދާހެއް ވެސް އޮތް ކަމަށެވެ.
އެކި ގައުމުތަކާ ދެމެދު ކުށްވެރިން ބަދަލު ކުރުން ފަދަ އެއްބަސްވުންތައް ގާއިމު ކުރުމުގެ ކުރިން އެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހެ އެވެ. އަދި އިންޑިއާއާ ދެމެދު ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސްވުމަކީ މިދިޔަ މަޖިލީހަށް ވެސް ފޮނުވާފައިވާ މައްސަލައެކެވެ. ނަމަވެސް އެ މަޖިލިސްގެ ދައުރު ހަމަވީ އެ މައްސަލައާ މެދު ވަކި ގޮތެއް މަޖިލީހުން ނުނިންމާ އޮށްވަ އެވެ.