ބޭރު ކުޅިވަރު

ފީފާ ގޭމްގެ ކަވަރަށް މެސީއާއެކު އަންހެން ކުޅުންތެރިއެއް

Jul 22, 2015

ފީފާ ފުޓްބޯޅަ ގޭމްގެ ކަވަރަށް ލަޔޮނަލް މެސީއާއެކު ފުރަތަމަ ފަހަރަށް އަންހެން ކުޅުންތެރިއަކު ލުމަށް ހަމަޖައްސައި އެ ފުރުސަތު އެމެރިކާގެ އެލްކެސް މޯގަން އަށް ދީފި އެވެ.

މޯގަން އަކީ މި އަހަރު ޖަޕާނުގައި ބޭއްވި އަންހެނުންގެ ވޯލްޑް ކަޕް އެމެރިކާ އަށް ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިންމު ދައުރު އަދާކުރި ކުޅުންތެރިޔާ އެވެ.

އޭނާ ބުނީ މިއީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މުޅި ދުނިޔޭގައި މި ގޭމްގެ މަގުބޫލުކަން ގަދަވެފައިވާއިރު މިއީ އަންހެން ފުޓްބޯޅަ އަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ.

އޭނާގެ އިތުރުން ކެނެޑާގައި ނެރޭ މިގޭމްގެ ވާޝަންގެ ކަވަރުގައި މެސީއާއެކު ޖަހަން ނިންމާފައިވަނީ ކެންޑާގެ ކެޕްޓަން ކްރިސްޓީން ސިންކްލެއާގެ ފޮޓޯ އެވެ.

1993 ވަނަ އަހަރު އުފެއްދި ފީފާ ފުޓްބޯޅަ ގޭމުގައި މިހާތަނަށް ހިމަނަމުންގޮސްވަނީ މުޅިން ވެސް ފިރިހެން ޓީމުތަކެވެ. ނަމަވެސް މިގޭމް އުފައްދާ އީއޭސްޕޯޓްސް ވަނީ މި އަހަރު 12 ގައުމެއްގެ އަންހެން ޓީމުތައް ވެސް 2016 ވަނަ އަހަރުގެ ނެރޭ ގޭމްގައި ހިމެނުމަށެވެ.

މި ގޭމްގެ އިނގިރޭސިވިލާތުގެ ވާޝަންގެ ކަވަރުގައި މެސީއާއެކު ހިމަނަން ނިންމާފައިވަނީ ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ. އޭނާ އަށް މި ފުރުސަތު ލިބުނީ އާއްމުންގެ މެދުގައި ނެގި ވޯޓުގައި ޓޮޓެންހަމުގެ ފޯވްޑް ހެރީ ކޭން އާއި މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއެރޯ އާއި ޗެލްސީގެ ކީޕަރު ތިބައޫޓް ކޯޓުއާއާ ވާދަކޮށް ކުރި ލިބުމުންނެވެ.