ހަބަރު

8 ރަށެއްގެ މަގުތަކު މަޝްރޫއަށް ކޮންސަލްޓަންޓަކު ހޯދަނީ

އަށް ރަށެއްގެ މަގު ހެދުމުގެ މަޝްރޫއު ޑިޒައިންކޮށް މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމުގެ ރިޕޯޓް، އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ތައްޔާރު ކޮށްދޭނެ ފަރާތްތަކެއް ހޯދަން އިއުލާން ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ޕްލޭނިން މިނިސްޓްރީ އެދުމުގެ މަތިން، އަށް ރަށެއްގެ މަގު ހެދުމުގެ މަޝްރޫއުގެ ސާވޭ އާއި، ޑިޒައިން އަދި އީއައިއޭ ހެދުމުގެ މަސައްކަތްކޮށް ދޭނެ ކޮންސަލްޓަންޓެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެ ރަށްތަކަކީ، ލ. ގަމާއި ތ. ތިމަރަފުއްޓާއި ތ. ގުރައިދޫ އާއި ގދ. ގައްދޫ އާއި ހއ. ކެލައާއި ރ. ހުޅުދުއްފާރާއި ރ. އަލިފުއްޓާއި އަދި މ. މުލަކެވެ.

އެ މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތައް ކުރިމަތިލާން ހުޅުވާލާފައިވާ އެ އިއުލާންގައިވާ ގޮތުން، ޝައުގުވެރިކަން ފާޅުކުރާ ފަރާތްކަކުގެ ތެރެއިން ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދެވޭނީ އޭގެ ތެރެއިން މިނިސްޓްރީން ޝޯޓް ލިސްޓް ކުރާ ބަޔަކަށެވެ.