ރާޅު ގުޑި އިވެންޓް

މިފަހަރު ކާށިދޫއަށް އެރީ ރާޅުގުޑީގައި!

ކާށިދޫން: ނާޒިމް ހަސަން
Jun 25, 2019
3

ކ. ކާށިދޫއަށް "އަޑިންނާއި މަތިން" ދަތުރު ކުރުމުގެ ވާހަކައަކީ މިހާރު އާ ވާހަކައެއް ނޫނެވެ. ގާފަރާއި ކާށިދޫ އަޑިންނާއި މަތިން ގުޅާލައި ކޭބަލް ކާރު ގެނައުމުގެ ވާހަކަ ވެސް ބާވެއްޖެ އެވެ. އެކަމަކު އާ ވާހަކައެއް އެބަ އޮތެވެ. އެއީ ކާށިދޫއަށް "ރާޅުގުޑީ" ގައި އެރުމެވެ.

ރާއްޖޭގެ ދެކުނުން އުތުރަށް ކައިޓް ސާފުކުރުމަށް ފަށާފައިވާ "ރާޅުގުޑި" ހަރަކާތުގައި ހަތަރު އެތުލީޓުން ދަތުރުކުރީ ކާށިދޫއަށެވެ. އެ ދަތުރު އެތުލީޓުން ފެށީ، އިއްޔެ ގާފަރުން ލިބުނު ހޫނު މަރުހަބާއާއެކު އެ ރަށުގައި މަޑުކޮށް މިއަދު ހެނދުނެވެ. އެތުލީޓުން ކައިޓްގައި ކަނޑަށް ނުކުތީ ގާފަރު ކައިރީގައި އޮންނަ ފަޅަކުންނެވެ.

އެ ފަޅުން ހަތަރު އެތުލީޓުން ނައްޓާލީ 10:30 ހާއިރު އެވެ. ބިޔަ ކާށިދޫ ކަނޑުގައި ކައިޓް ސާފުކުރުމަށްފަހު އެމީހުންނަށް ކާށިދޫއާ ހަމައަށް އާދެވުނީ 11:15 ހާއިރު އެވެ. އެ ދިގު ދަތުރަށްފަހު ކާށިދޫ ބަނދަރުން ހަތަރު އެތުލީޓުން ވެސް ރަށުގެ ފަސްގަނޑުގައި ފައި ޖެއްސީ ކައިޓްގަ އެވެ. މުޅިިން ތަފާތު ގޮތަކަށް ހަތަރު އެތުލީޓުން ކާށިދޫއަށް އެރީ އެވެ.

މި ދަތުރުގައި މިއަދު ދެން ދިޔުމަށް ހަމަޖެހިފައިވަނީ ޅ. ކުރެންދޫއަށެވެ. އެ ރަށަށް މިއަދު ހަވީރު ދިޔުމަށް ހަމަޖެހިފައިވާއިރު އެ ރަށަކީ މިކަމަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންދާ ރަށެކެވެ. މިރޭ ކުރެންދޫގައި މަޑުކުރުމަށްފަހު މާދަމާ ހެނދުނު އެތުލީޓުން މިޝްރާބު ޖަހާނީ ހިންނަވަރަށެވެ. އެއަށްފަހު ވަރަށް ދިގު ދަތުރެއް ކުރާނެ އެވެ. އެއީ ހިންނަވަރުން ނ. ޅޮއްސަށެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު ފެށި މި ހަރަކާތުގައި އެންމެ ދެކުނުގެ އަތޮޅުތަކުން ވައި ނުލިބުމުގެ ސަބަބުން އެ އަތޮޅުތަކުގައި ކައިޓް ދުއްވޭ ގޮތެއް ނުވި އެވެ. އެންމެ ފުރަތަމަ ވެސް ކައިޓް ދުއްވުނީ މ. އަތޮޅުގަ އެވެ. އެގޮތުން ކައިޓްގައި މ. މަޑުއްވަރީއަށް އެރި އެވެ. އެއަށްފަހު މަޑުއްވަރީއިން ވ. ފުލިދޫއަށް ދިޔަ އެވެ. ފުލިދޫއިން ދިޔައީ މާފުއްޓަށެވެ.

މާފުށިން މާލެ ދަތުރުކުރުމަށްފަހު މާލެއިން ދިޔައީ ވަންބިންހުރާ ރިސޯޓަށެވެ. އެ ރިސޯޓުން ގާފަރަށެވެ. މި ދަތުރުގައި މާދަމާ ޅޮއްސަށް ދިޔުމަށްފަހު ދަތުރު އޮތީ ހދ. ކުޅުދުއްފުއްޓަށެވެ. އެއަށްފަހު ހއ. ތުރާކުނަށެވެ. އެއީ އެންމެ އުތުރު، އަދި ދަތުރުގެ ފަހު މަންޒިލެވެ.