ހަބަރު

މައްސަލަތައް ލަސްވަނީ ފަނޑިޔާރުންގެ ސަބަބުންތޯ ބަލަނީ

ޝަރުއީ ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް ނުނިމި ލަސްވަނީ ފަނޑިޔާރުންގެ ސަބަބުންތޯ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޝަނުގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ، މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމި ކަންތައްތަކުގެ ތެރޭގައި ޝަރުއީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ނުނިމި އާދަޔާ ހިލާފަށް ދިގުދެމިގެންދާ ކަމުގެ ޝަކުވާ އެކޮމިޝަނަށް ލިބެމުންދާ ކަމަށެވެ. އެހެން ކަމުން އެ މައްސަލަތައް ނުނިމި ލަސްވާން ދިމާވާ މައިގަނޑު ސަބަބަކީ ކޮބާތޯ ދެނެގަނެ، އެކަމަކީ ފަނޑިޔާރުންގެ ސަބަބުން ދިމާވާ ކަމެއްތޯ ބަލައި، އެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ.

އެމަސައްކަތް ކުރުމަށްޓަކައި ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވާއިރު، ޝަރުއީ ހުރިހާ ކޯޓެއްގައިވެސް އެމައްސަލަ ހުރިތޯ ބަލާނެ ކަމަށާއި، އެ މަސައްކަތް އެންމެފުރަތަމަ ފެށުމަށް ނިންމާފައިވަނީ ކުރިމިނަލް ކޯޓުން ކަމަށްވެސް ޒަހީން ވަނީ ވިދާޅުވެފަ އެވެ.

މިއަދު ކޮމިޝަނުން ނިންމި އިތުރު ނިންމުންތަކުގެ ތެރޭގައި ފެމިލީ ކޯޓުގެ ގާޒީ އަބުދުﷲ ނަޝީދު ސިވިލް ކޯޓަށް ބަދަލުކޮށްދެއްވުމަށް ސްޕްރީމް ކޯޓުން އެދިފައިވާއިރު، ފެމިލީ ކޯޓުގެ އިސްގާޒީ މިވަގުތު ސަސްޕެންޝަނެއްގައި ހުރުމާއެކު، އެމައްސަލަ ވަކި ގޮތަކަށް ނިމެންދެން، ސްޕްރީމްކޯޓުގެ އެދުމާއިމެދު ގޮތެއް ނިންމުން ވަގުތީގޮތުން ވަނީ މަޑުޖައްސާލާފަ އެވެ.

މީގެ އިތުރުން ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބުގެ އިތުރު ތިން ޝަކުވާއެއް ބަލަން މިއަދު ނިންމާފައިވާއިރު، ހަސަން ނަޖީބާއި ގުޅޭ ޖުމްލަ ހަތް ޝަކުވާއެއް މިހާރު ކޮމިޝަނުން ބަލަމުންގެންދާ ކަމަށާއި، ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ޝުކޫރާއި ބެހޭގޮތުން ހުށަހަޅާފައުވާ ޖުމްލަ 5 ޝަކުވާއެއްވެސް ބެލުމަށް ވަނީ ނިންމާފަ އެވެ.

ފަހަކަށް އައިސް ޖޭއެސްސީން ގެންދަނީ ފަނޑިޔާރުންގެ ގިނަ ސުލޫކީ މައްސަލަތަކެއް ބަލަމުންނެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން އެ ކޮމިޝަނުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ޖޭއެސްސީ އިން ސަސްޕެންޑް ކުރި ފަނޑިޔާރުންގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނެ އެވެ. ނަމަވެސް އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސް ކުރަން ސުޕްރީމް ކޯޓުން އެންގި އެވެ. ނަމަވެސް ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް ފަނޑިޔާރުގެ ސަސްޕެންޝަން ދަމަހައްޓާފަ އެވެ. އަދި ފަނޑިޔާރު ދީދީ ގެންދަވަނީ ޖޭއެސްސީގެ ނިންމުމާ ހިލާފަށް ވަޒީފާއަށް ނުކުންނަވަމުންނެވެ.

އޭގެ އިތުރުން، ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

މިއީ 2008 ވަނަ އަހަރު ތަސްދީގުކުރި ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރަކު ވަކިކުރަން ނިންމި ފުރަތަމަ ފަހަރެވެ.