ހަބަރު

ބާ ކައުންސިލްގެ ގާނޫނާއެކު ލަތީފާއަށް ޖޭއެސްސީގެ މެންބަރުކަން ގެއްލިއްޖެ

Jun 27, 2019
3

ރާއްޖޭގައި މަސައްކަތް ކުރާ ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް، ބާ ކައުންސިލްގެ ނަމުގައި މިނިވަން މުއައްސަސާއެއް އުފައްދާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރެއްވުމާއެކު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލުންގެ ތެރެއިން އިންތިހާބު ކޮށްފައިވާ މެމްބަރު ލަތީފާ ގާސިމްގެ މެމްބަރުކަން ގެއްލިއްޖެ އެވެ.

މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެ ބިލު ރައީސް ތަސްދީގު ކުރެއްވުމުން އެ ގާނޫނަށް އަމަލު ކުރަން ފަށާއިރު ވަކީލުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރުގެ މެމްބަރުކަން އޮޓަމެޓިކުން ނިމުމަކަށް އަންނާނެ އެވެ.

އެ ގާނޫނުގެ ދަށުން އުފެދޭ ބާ ކައުންސިލް އިންތިހާބު ކުރެވޭ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ޖޭއެސްސީއަށް މެމްބަރަކު އިންތިހާބު ކުރަން އެ ގާނޫނު ލާޒިމް ކުރެ އެވެ.

އަދި ބާ ކައުންސިލްގެ އިންތިހާބު މިއަދުން ފެށިގެން 21 ދުވަހުގެ ތެރޭގައި ބާއްވަންޖެހޭނެ އެވެ.

ބާ ކައުންސިލްގައި ތިއްބަވާނަ ކައުންސިލްގެ ރައީސާ ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ ވަކީލެކެވެ. ބަންޑާރަ ނައިބު ފިޔަވައި އެހެން ހުރިހާ މަގާމުތަކަށް ވެސް ބޭފުޅުން އިންތިހާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ބާ ކައުންސިލްގެ ގާނޫނުގައިވާ ގޮތުން ވަކީލުންނަށް ހުއްދަ ދޫކުރުމާއި ވަކީލުން ކުރާ މަސައްކަތްތައް ބަލައި، ފިޔަވަޅު އެޅުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ބާ ކައުންސިލުންނެވެ. އަދި ވަކީލުންނާ ގުޅުން ހުރި ހުރިހާ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރާނީ ވެސް ބާ ކައުންސިލުންނެވެ. އޭގެ ތެރޭގައި ދައުލަތުގެ ވަކީލުން ވެސް ހިމެނެ އެވެ.

ރައީސްގެ މެންބަރުގެ ގޮތުގައި ޖޭއެސްސީގައި އިންނެވުމަށްފަހު، ވަކީލުންގެ މެންބަރެއްގެ ގޮތުގައި ލަތީފާ އިންތިހާބުވެފައިވަނީ 2014 ވަނަ އަހަރެވެ. އާ ގާނޫނާއެކު އޭނާގެ ޖޭއެސްސީ މެންބަރުކަން ގެއްލުނުއިރު، ފަސް އަހަރުގެ ދައުރު ހަމަވާނީ އަންނަ ނޮވެމްބަރު މަހަށެވެ.