ހަބަރު

އެސްޓީއޯއިން 60 އަށްވުރެ ގިނަ ބޭސް ފިހާރަ ހުޅުވައިފި

Dec 31, 2014

އެސްޓީއޯއިން ހިންގާ ބޭސް ފިހާރަ ހުޅުވުމުގެ މަޝްރޫއުގެ ދަށުން 61 ބޭސް ފިހާރައެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުޅުވައިފި އެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައި އާސަންދައިގެ ހިދުމަތް ލިބޭ ބޭސް ފިހާރައެއް ހުޅުވުމަށް އެސްޓީއޯއިން ކުރާ މަސައްކަތުގެ ދަށުން އެންމެ ފަހުން ބޭސް ފިހާރަތައް ހުޅުވާފައިވަނީ ގއ. ދެއްވަދޫ އާއި ލ. މާބައިދޫ އަދި ށ. މިލަންދޫގަ އެވެ.

އެ ކުންފުނިން ވަނީ އާބާދީ ބޮޑު ގިނަ ރަށްރަށުގައި ބޭސް ފިހާރަތައް ހުޅުވާފަ އެވެ.

އެސްޓީއޯއިން ބުނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ކައުންސިލްތަކާއި އާއްމުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުން ދާ ކަމަށެވެ.

އެ ކުންފުނީގެ އެމްޑީ އާދަމް އާޒިމް ވިދާޅުވި ގޮތުގައި ބޭސް ފިހާރަތަކުން ބޭސް ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އެ ކުންފުނިން އެންމެ ބޮޑަށް އިސްކަމެއް ދޭނެ އެއް ކަންތައް ކަމަށެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯއިން ދަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެމުންނެވެ. ރާއްޖެއަށް އެތެރެކުރާ ބޭހުގެ ބޮޑު ބައެއް މިހާރު ވެސް އެތެރެކުރަނީ އެސްޓީއޯއިންނެވެ. ބޭހުގެ އިތުރުން ސިއްހީ ދާއިރާއަށް ބޭނުންވާ މެޑިކަލް އެހެނިހެން ސާމާނު ވެސް އެސްޓީއޯ އިން ރާއްޖެއަށް ފޯރުކޮށްދެ އެވެ.