މި ދުވަސްވަރު އެކި ބާވަތްތަކުގެ ރޯގާ ފެތުރޭ މިންވަރު އިތުރުވެފައިވާތީ އެކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
މިއަދު ނެރުނު ނޫސް ބަޔާނެއްގައި އެޗްޕީއޭއިން ބުނީ އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ފެތުރެމުންދާ ކަމަށް އެ އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. އަދި، މި އަހަރުގެ ފާއިތުވެދިޔަ މަސްތަކާ އަޅާ ބަލާއިރު އިންފުލުއެންޒާ ޖެހިގެން ރިޕޯޓުކުރާ އަދަދުވެސް އިތުރުވަމުން އަންނަ ކަމަށެވެ.
މި ފަދަ ބަލިތަކަކީ ފަސޭހައިން ފެތުރޭ ބަލިތަކަށް ވާތީ ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކެއް ވެސް އެޗްޕީއޭ އިން ހިއްސާކޮށްފައި ވެއެވެ.
- ކިނބިހި އަޅާ އިރު އަނގަ އާއި ނޭފަތުގައި ރުމާލެއް ނުވަތަ ޓިޝޫ އެއް ފަދަ އެއްޗެއް އެޅުން
- ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން
- އާއްމު ސާފުތާހިރު ކަމަށް ސައިބޯނިލައިގެން އަތްދޮވުމަށް ސަމާލުވުން
- ރޯގާޖެހި ކެއްސާ ނަމަ، އޮފީސް ސްކޫލް އަދި މީހުން އެއްވާ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުން
- ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުމާއި އަރާމު ކުރުން
- ހުންއައިސް ގައިގައި ރިއްސާނަމަ ޕެރަސެޓަމޯލް ނޫން ބޭހެއް ބޭނުން ނުކުރުން
- ހުންއައިސް ރޯގާ ޖެހި ތިން ދުވަހަށްވުރެ އިތުރު ވާނަމަ ޑޮކްޓަރުގެ ލަފާ ހޯދުން
- ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރެއިން، ސް އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުނާއި ދޮށީ މީހުން ވެކްސިން ޖެހުން
- ޑޮކްޓަރަށް ދައްކާނަމަ ބަލި މީހާއާއާއެކު ވީހާވެސް މަދު ބަޔަކު ހޮސްޕިޓަލަށް ދިއުން
މި ދިޔަ މަހުން ފަށައިގެން ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް އިތުރުވަމުންދާތީ، މިފަދަ ކަންކަމަށް އާއްމުން ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، އިންފްލުއެންޒާ ބީ ގެ 57 ކޭސް މިދިއަ މަހު ރެކޯޑްކޮށްފައިވެ އެވެ. އަދި ޓެސްޓް ކުރި ފަރާތްތަކުގެ ތެރެއިން 40 ޕަސެންޓް މީހުން އިންފްލުއެންޒާ ބީ އަށް ޕޮޒިޓިވްވި ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
ރޯގާ ޖެހިގެން ފަރުވާ ހޯދަން އަންނަ ބަލިމީހުންގެ އަދަދު އިތުރުވެ އައިޖީއެމްއެޗްގައި ފްލޫ ކްލިނިކުގެ ހިދުމަތް ވެސް މި ހަފްތާގައި ވަނީ ފަށާފަ އެވެ. އެ ކްލިނިކުގެ ހިދުމަތް ދޭނީ ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 12:00 އަށެވެ.