ހޮލީވުޑް

އެލްވިސްގެ ބަޔޯޕިކް ކުޅޭނެ ލިސްޓު ވަރަށް ދިގު

އެމެރިކާގެ ކިންގް އޮފް ރޮކް އެންޑް ރޯލްގެ ގޮތުގައި މަޝްހޫރުވި ލަވަކިޔުންތެރިޔާ އެލްވިސް ޕްރެސްލީ ގެ ބަޔޯޕިކްއެއް ހަދަން އިއުލާން ކުރުމާއެކު އެލްވިސްގެ މަގާމަށް ހޮވާނެ ތަރިއަކީ ކާކުކަމާމެދު ވަނީ ބަހުސްތަކެއް ކުރެވިފަ އެވެ. ބާޒް ލާމަންގެ މި ފިލްމުގައި އެލްވިސްގެ ރޯލު ދޭނެ ތަރިއެއް ހޯދުމަށް މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށް ހޮލީވުޑް ހަބަރުތަކުގައި ބުނެ އެވެ.

ވޯނާ ބްރޮސްގެ މި ޕްރޮޖެކްޓަށް، "އެވެންޖާސް"ގެ ތަރި، އެރޮން ޓެއިލާ ޖޮންސަން އާއި "ވިޕްލޭޝް" އިން ފެނުނު މައިލްސް ޓެލާ އަދި، ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްވެސް ޓެސްޓުކޮށްފައިވާ ކަމަށް ހޮލީވުޑް ރިޕޯޓާގައި ބުނެފައިވެ އެވެ.

މި ފިލްމުގެ ރޯލަކުން ޖާގަ ޔަގީންކޮށްފައިވަނީ ޓޮމް ހޭންކްސް އެވެ. ޓޮމް އަށް ދީފައިވަނީ އެލްވިސްގެ ދިރިއުޅުމާއި ކެރިއަރު ބެލެހެއްޓި މެނޭޖަރު ޓޮމް ޕާކާގެ ރޯލެވެ. އަދި އެލްވިސްގެ ރޯލުވެސް އަންނަ ހަފްތާ ތެރޭ ޔަގީން ކުރާނެ ކަމަށް ހަބަރުތަކުގައި ބުނެ އެވެ.

އެލްވިސްގެ ބަަޔޯޕިކް އުފައްދާނެ ކަމަށް އިއުލާން ކުރީ މިދިޔަ އަހަރު އެވެ. މި ފިލްމުވެސް އުފައްދާނީ އެންމެ ފަހުން ރިލީޒްކުރި ފްރެޑީ މާކަރީގެ ބަޔޯޕިކް "ބޮހީމިއަން ރެޕްސޮޑީ"ގެ ޖޯންރާ އަށެވެ. "ބޮހީމިއަން ރެޕްސޮޑީ" އަކީ، މިދިޔަ އަހަރު ރިލީޒް ކުރި އެންމެ މަގުބޫލު އެއް ފިލްމެވެ. މި ފިލްމު ވަނީ އޮސްކާގައިިވެސް ގިނަ ވަނަތަކެއް ހޯދާފަ އެވެ.

މި ފިލްމުގެ ސްކްރިޕްޓުވެސް ލިޔާ ގޮތަށް ހަމަޖެހިފައިވަނީ، ފިލްމުގެ ޕްރޮޑިއުސަރެވެ. އެގޮތުން، އެލްވިސްގެ ކާމިޔާބުގެ ކުރީގެ ވާހަކަތަކާއި 35 އަހަރަށްފަހު އޭނާގެ ދިރިއުޅުން އޮތް ގޮތް ބުނެދޭނެ އެވެ.

އެލްވިސް މަަރުވީ 1977 ވަނަ އަހަރު އުމުރުން، 42 ގަ އެވެ.