އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ކުރިއަށް އޮތް ތިން އަހަރު ތެރޭ ފައިބައި މިިނިވަންކަން ދިނުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
މި ގަރާރު ސަލާމަތީ މަޖިލީހަށް ހުށަހަޅާފައި ވަނީ ފަލަސްތީނާއި އަރަބި 22 ގައުމަކުން ކުރިން ބޭއްވި ބައްދަލުވުމެއްގައި އެއްބަސްވެފަައިވާ ގޮތުގެ މަތިން ޖޯޑަން އިން ނެވެ.
ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން އަށް ގައުމަކުން ވަނީ ގަރާރަށް ތާއީދުކޮށް ވޯޓު ދީފަ އެވެ. ނަމަވެސް އެމެރިކާ އާއި އޮސްޓްރޭލިއާ އިން ވޯޓު ދީފައި ވަނީ ދެކޮޅަށެވެ. ސަލާމަތީ މަޖިލީހަށް ގަރާރެއް ބަލައިގަންނަން ފާސްވާނީ މަދުވެގެން ނުވަ ވޯޓު ލިބުމުންނެވެ. ނަމަވެސް ނުވަ ވޯޓު ލިބުނު ނަމަވެސް ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުން ކަމަށްވާ އެމެރިކާ، ރަޝިޔާ، ޗައިނާ، ފްރާންސް އަދި އިނގިރޭސި ވިލާތުން ކުރެ އެއްވެސް ގައުމަކުން ވީޓޯކޮށްފި ނަމަ ފާހެއް ނުވާނެ އެވެ. އެހެންވެ ފަލަސްތީނުގެ ގަރާރަށް ނުވަ ވޯޓު ހަމަވި ކަމުގައި ވިޔަސް އެމެރިކާ އިން ވީޓީގެ ބާރުގެ ބޭނުންކޮށް ގަރާރު ބޭރުކޮށްލާނެ އެވެ.
"އަހަރެމެން މި ގަރާރާ ދެކޮޅަށް ވޯޓު ދިނީ މިހާރު ފަލަސްތީނުގެ ހާލަތާ މެދު ހިތްހަމަޖެހޭތީއެއް ނޫން. އެމެރިކާ އިން ގަބޫލުކުރަނީ ސުލްހަ އަންނަން ވާނީ ދެ ފަރާތުން މަޝްވަރާކޮށްގެން ކަމަށް،" އެމެރިކާ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ސަމަންތާ ޕަވަ ވިދާޅުވި އެވެ.
ސަމާލުކަން ހޯދަން އަރަބި ގައުމުތަކުން ހުށަހެޅި ތާކުންތާކު ނުޖެހޭ ގަރާރެއް ކަމަށް ބުނެ އިޒްރޭލުން ވަނީ މި ގަރާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. ގަރާރުގައި ގޮވާލާފައި ވަނީ 1967 ވަަނަ އަހަރު އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފިއިރު އޮތް ހިސާބަށް އިޒްރޭލު ފަހަތަށް ޖެހި، ސުލްހައިގެ ފުރިހަމަ އެއްބަސްވުމެއް 2017 ވަނަ އަހަރުގެ ނިޔަލަށް އެކުލަވާލުމަށެވެ.
ރަޝިޔާ، ޗައިނާ، ފްރާންސް، އާޖެންޓީނާ، ޗާޑް، ޗިލީ، ޖޯޑަން އަދި ލަގެޒެމްބާގް
އެމެރިކާ އަދި އޮސްޓްރޭލިއާ
އިނގިރޭސި ވިލާތް، ލިތުއޭނިއާ، ދެކުނު ކޮރެއާ އަދި ރުވާންޑާ