"ނަބާހާ ނަބީހާ މި ފަހަރު ހޯދީ ރިހި މެޑަލް އެކެވެ."! ނަބާހާ ނަބީހާ މޮރީޝަސް ގޭމްސް އިން ބްރޯންޒް ހޯދައިފި އެވެ."!
ކައިރި ކައިރީގައި ފަހަކަށް އައިސް ހަބަރުތަކުން މި ކަހަލަ ސުރުހީތަކެއް ފެނެ އެވެ. ބެޑްމިންޓަން ކުޅޭ ދެ ކުއްޖެއްގެ ވާހަކަ އެވެ. ނަން ވައްތަރު ވެފައި ހުރި ގޮތް ވައްތަރު ވުމުން މިއީ އެއްމާބަނޑު ދެ ކުދިން ނުވަތަ ޓްވިންސް އެއް ކަމަށް ލަފާ ކުރެވުނެވެ. އެކުގައި ކޯޓަށް އަރާ ރާއްޖެ ތަމްސީލު ކުރަމުން ވަނަތައް ހޯދާ ހަބަރުތަކުގައި ޖަހާފައި އޮތުުމުން ކުޑަ ތަފާތެއް ފެނި ދެން ކުރަން ބޭނުންވީ ސުވާލެވެ. މިއީ ކިހިނެތް ވާ ކަމެއް ހެއްޔެވެ؟
އެއް މާބަނޑު ކުދިންނަކީ އަދި މުޅިން އެހެން ކަހަލަ ގޮތަކަށް އުޅޭ ބަޔެކެވެ. އެކަކުގެ ހިތުގެ ތެޅުމަށްވެސް އަނެކެއް ވެ އެވެ. އެހެން މީހުންނަށްވުރެ ގިނަ ދުވަހު އެކީގައި އުޅެވުނީމައި ކަމަށްވެސް ވެދާނެ އެވެ. ހަމަ ޔަގީނުންވެސް ނުވަމަސް އެކުގައި އިތުރަށް އުޅެފި އެވެ. ވަގުތުގެ ކުޑަ ތަފާތެއް އައި ކަމުގައި ވިޔަސް އެއް ބަނޑު އެއްބަފާ މީހުން އެކަކު އަަނެކަކަށް ހުންނަ ލޯތްބަށް ވުރެ މިކަހަލަ ދެމީހުންގެ ލޯބި މުޅީންހެން ތަފާތެވެ. އިހުސާސްތައް ފަސޭހައިން ނަގައިގަނެވުމާއެކު ލޭގެ ވަރުގަދަ ގުޅުމެވެ. ވައްތަރު ދެ މީހެއް ވިޔަސް އެއް ހިތާއި ހަށިގަނޑެއް ކަހަލަ އެވެ.
އެންމެ ކުޑަކުޑައިރުން ފަަށައިގެން އެއް ވައްތަރު ހެދުން ލައްވާ އެއްކަހަލަ ބޫޓަށް އަރުވާ ތިއްތި ހައްދަައިގެން ފޮޓޯ ނަގާ ހަދާނެ އެވެ. ޓްވިންސް އެއް ލިބުމުން މަންމަ މެންނަށް އެ ނޫން ބޮޑު އުފަލެއް ނޯވެ އެވެ. އެއްގޮތް ކޮށްލާފައި ހުރުމުން ކިހާ ލޯބި ހެއްޔެވެ! ހާއްސަ ކަމެއްވެސް ފެނެ އެވެ. މިކަހަލަ ކުދިންގެ މި އެއްގޮތްކަން ގެއްލޭ ހިސާބަކަށް އާއްމުކޮށް ވެފައި އޮންނަނީ ޒުވާން އުމުރު ފުރާއަށް އެރުމުންނެވެ. އެހިސާބުން ބައެއް ފަހަރަށް ދެމީހުން ދުރުވެ "ޕްރައިވަސީ" ބޭނުންވެ އެވެ. އެކަމަކު ކުރިން ބުނި، ބެޑްމިންޓަން ހަބަރުތަކުން މި ފެންނަ ދެބެންގެ ގައިގައި މި ކަމެއް އެއްގޮތަކަށްވެސް ނެތެވެ.
ފާތިިމަތު ނަބާހާ އަބްދުލް ރައްޒާގު އާއި އޭނާގެ 15 މިނެޓު ފަސް ކޮއްކޮ އައިމިނަތު ނަބީހާ އަބްދުލް ރައްޒާގު އަކީ ގައުމީ ބެޑްމިންޓަން ޓީމުގައި މިހާރު ކުޅޭ ދެބެންްނެވެ. އެއް ސްކޫލެއްގައި އުޅެމުން ކުޅިވަރުގެ ތެރެއަށް އެންމެ ހަތް އަހަރުގައި ފުއްމާލީވެސް އެކު އެވެ. ބޭނުންވީ އެއް ރެކެޓަކުން ކުޅޭށެވެ. ދެބެންނަށް އެއް ރެކެޓަކުން ނުކުޅެވޭނެތީ ދެ ރެކެޓު ގަނެދީ އަތަށް ދީފައި ބެޑްމިންޓަން ކޯޓަށް މަންމަ ދޫކޮށްލީ އެވެ. އެހިސާބުން އެކުގައި މަސައްކަތް ފެށި އެވެ. ސްކޫލުން ހޮވައިގެން އޭރު ބާއްވާ ވައިޑީޕީ މުބާރާތްތަކަށް ހޮވުމުން ބެޑްމިންޓަން ކުޅެން ފަށާ ރެކެޓުން މަލުގައި ރީތިކޮށް ޖަހާނެ ގޮތްވެސް ދަސްކުރީ އެކު އެކީ އެވެ.
"އޭރު ބާއްވާނެ ވައިޑީޕީ މުބާރާތް. ދެން ސްކޫލުގައި އުޅުން އިރު ހޮވީ އަސްލު ސްކޫލުން އެޔަށް. ދެމީހުން އެއްކޮށް ހަމަ ހޮވީވެސް. ދެން ކޮންމެ ދުވަހަކު ހެނދުނު ޕްރެކްޓިސް ކުރަން އަންނަނީ. އެހެން ވައިޑީޕީގެ ތެރެއިން ގައުމީ ޖޫނިއާ ޓީމަށް ދެމީހުންވެސް ހޮވުނީ. ޖޫނިިއާ ޓީމުން ސީނިއާ ޓީމަށް ދިޔައީ" ނަބާހާ ބުންޏެވެ.
ވިލިމާލޭގައި ދިރިއުޅެމުންދާ މި ދެބެން ކޮންމެ ދުވަހަކު އަރާ އިރާ އެކު ތިބޭނީ އެކުވެނި ކޯޓު ތެރޭ އެވެ. މިހާރުވެސް ހެނދުނު ހަތެއް ޖަހާއިރަށް ކޯޓަށް އަރަ އެވެ. ކުޅޭ ރެކެޓު ރީއްޗަށް ދަބަހަށް ލާ ކޮނޑުގައި އަަޅުވާލައިގެން ކޯޓަށް ވަންނަނީ ހަމަ ފުލް ކިޓުގަ އެވެ. ކުޅެން އަންނަނީވެސް ކުރިން އައި ސްޓައިލުގަ އެވެ. ދެމީހުންނަށް 20 އަހަރު ވީ އިރުވެސް މިއީ ހަމަ އެއްކަލަ އަތުގުޅާލައިގެން އެކުގައި އައި ޓްވިންސް ދެ ކުދިންކަން އެނގެ އެވެ. ޖޯޒީ އާއި ސޯޓާއި ބޫޓާއި އިސްޓާކީނު އަދި ބޮލުގައި އައްސާފަ ހުންނަ ރަބަރުކޮޅުވެސް ވައްތަރެވެ.
"ކޮންމެ ދުވަހަކު މަންމަ އަންނާނެ ނަބާ އާއި ނަބީ ގޮވައިގެން މިތަނަށް (އެކުވެނި ކޯޓު). ދެން ވިލިނގިލީގަ އުޅޭތީ މަންމަ އަކަށް ދެ ގަޑީރު ކޮށްފަ އަނެއްކާ ނުވެސް އާދެވޭނެ ދޯ ބަލަ އެއް. އެކަނި އާދެވެންދެން ކޮންމެ ދުވަހަކު ހަމަ ޕްރެކްޓިސް ނިމެންދެން އިންނާނެ. އަސްލު ބުނެވޭނެ މަންމަ ހުންނާނޭ ނަބާ އާއި ނަބީ ބެޑްމިންޓަން ކުޅެން ދަސްކުރި އިރުން ފަށައިގެން މިހާރު މިކުޅޭ ވަރަށް ދިއުމަށްވެސް ގާތުން ބަލާފަ. ރާއްޖޭގައި ކުޅޭ އެއްވެސް ޓޯނަމަންޓެއްގައި ދެމީހުންނަށް ސަޕޯޓުކުރަން މިތާ ނެތި އެއް ނުދާނެ. އެންމެ ބޮޑު ސަޕޯޓަކީ އަސްލު ޕޭރެންޓްސް އޭ ބުނަނީ އެހެންވެ. އަބަދުވެސް ހުރޭ ކައިރީގަ"
ބޭރު ދުނިޔޭގައިވެސް "މޯލްޑިވިއަން ސިބްލިންގް ޑުއޯ"ގެ ނަން ދީފައިވާ މި ދެބެން މުބާރާތްތައް ކުޅެން އެކުގައި ކޯޓަށް އެރުމުން، އަމްޕަޔަރުންނަށް އެއްކަހަލަ ހެދުން އެޅުމާއި އެއްވައްތަރުވުން މާ ކަމަކު ނުދެ އެވެ. ކުޑަކޮށް ނުރުހުން ވެ ދެމީހުން ވަކި ކުރާނެ ގޮތެއް ހޯދަން ޖެހިިގެން ބައެއްފަހަރު އުޅޭ ކަމަށްްވެސް ނަބާމެން ބުންޏެވެ. ދެބެންނަށް ގުދުރަތުން ލިބިފައި އޮތް މި މޮޅު އެޑްވާންޓޭޖްގެ ބޭނުން ފުރިހަމަ އަށް ކުރެ އެވެ. ލޯ ކުރި މަތީ އޮޅުވާނުލި ކަމުގައި ވިޔަސް އެއް ބައްޓަމަށް އެއް ވަރަކަށް ހުރި ދެމީހުން ދެކޮޅު ދެކޮޅަށް ހުރެ ދުވަން ފެށުމުން އަނެއް ޓީމަށް ސަމާލުކަން ދޭން އުނދަގޫ ވެދާނެ އެވެ. ދެބެން ގަސްތުގައި ނުކުރިޔަސް މިއީ ބެޑްމިންޓަން ޑަބަލްސް މެޗެއް ކުޅޭއިރު ކޮންމެ ކޮންމެ މީހަކަށް ނުޖެއްސޭނެ ތަފާތު ޓްރިކް އެކެވެ.
"އެއް ފަހަރު މެޗަށް އަރަންވެގެން ރެޑީވުމުން، އަމްޕަޔާ އައިސް ބުނީ ދެމީހުންގެ ޖާޒީގެ ނަމުގެ ފަހަތުގައިވެސް ތީނީ ފަހު ނަމެއް ނޫންހޭ ލިޔެފައި. އަބްދުލްރައްޒާގް އޭ އިނީ. ދެން ނަމާ އެކީ ތިރީގައި އިންނަނީ މޯލްޑިވްސް. ދެން އަމްޕަޔަރަކަށް ނޭނގޭނެ ދޯ ވަކި ކުރާކަށް. އެއްކުލައެއް ލާފަައި ތިބޭނީވެސް. އިންޓަނޭޝަނަލީ ކުޅޭއިރު އެކަހަލަ ބައިވަރު ކަންތައް ދިމާވޭ އަސްލު. އަނެއް ޓީމަށްވެސް އުނދަގޫ ވާނެ ދޯ. ފަށަނީ ކާކު ކަމެއް ކުރީގައި ނުވަތަ ފަހަތުގައި ހުރީ ކާކު ކަމެއް ވަކި ކުރަން ނޭނގި ދާނެ" ނަބާ ބުންޏެވެ.
ގައުމީ ޓީމުގައިވެސް އެކުގައި ކުޅެން ފިކްސްކޮށްފަައި އޮންނަ މި ދެބެން އެކުގައި ވަނީ ގައުމީ ފެންވަަރުގައި ރާއްޖެ ފަހުރުވެރިވާ ވަރުގެ ވަނަތަކެއް ހޯދާފަ އެވެ. މިއަހަރު މޮރިޝަސް ގައި ބޭއްވި މުބާރާތުން ބްރޮންޒް އެވެ. މިދިޔަ އަހަރު ޔުގަންޑާގައި ބޭއްވި މުބާރާތުންނާއި ސަރަހައްދުގެ މުބާރާތުން ސިލްވާ އެވެ. ލިސްޓު ވަރަށް ދިގެވެ. ދެބެން އެކުގައި މިހާރު ތައްޔާރުވަމުންދަނީ، އިންޑިއަން އޯޝަން އަައިލެންޑް ގޭމްސް އަށެވެ. ކާމިޔާބަށް އެދެމެވެ!
ކުޑައިރު ފެށި މި ކަމުގައި އެކުގައި އެތައް މެޗެއް ކުޅެ، ބަލިވެ ހިތްމަރުވެ އަނެއްފަހަރު މޮޅުވެފައިވެސް އެބަ ހުއްޓެވެ. ޑަބަލްސް ކުޅޭ އިރު އެ އޮންނަ އިތުބާރު ނަބާ އޭނާގެ ކޮއްކޮ ނަބީ އަށް ކުރާ ވަރަށް ހަމަ ޔަގީނުންވެސް އިތުރު މީކަހަށް ނުކުރާނެ އެވެ. ދައްތަ އަށް ނުނެގޭ އެއްޗެހި ކޮއްކޮ ނަގައިދީ ދެބެން އެކުގައި މެޗުތައް ނިންމާލަނީ ދެމީހުން ސަލާމަތް ކުރަމުންނެވެ.
ދެބެންގެ ލޭގެ ލޯބި އެންމެ ފުރިހަމައަށް ފެންނަނީ މެޗަށް އެރުމުންނެވެ. އެކުގައި ޑަބަލްސް މެޗުތައް ކުޅޭއިރު ކެމިސްޓްރީ މާބޮޑަށްވެސް ދިމާވަނީ އެވެ. އަދި، ދެމީހުން ރާވާލައިގެން ކޯޓުގައި ހުރެ އެކުގައި ޖައްސާ މޮޅެތި އުކުޅުތައް ތަފާތުވެފައި ކާމިޔާބު ވަނީ މި ޑުއޯގެ ހާއްސަކަމުންނެވެ.