ފ. ނިލަންދޫ ސްޕޯޓްސް ކުލަބުގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ޔުނައިޓަޑް ވިކްޓަރީއަށް ހަމަޖެހުމެއް އަތުވެއްޖެ އެވެ.
އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް، ޔުނައިޓަޑް ވިކްޓަރީއަށް އުނދަގޫ ހާލަތެއް ކުރިމަތިވި އެވެ. ނިލަންދުއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވުމަކީ ޔޫވީއަށް ލިބޭނެ ހިތްހަމަޖެހެކެވެ.
ކުރިން ކުޅުނު ހަތަރު މެޗާ ހިލާފަށް ނިލަންދޫގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ އެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑް ނެގީވެސް ނިލަންދޫ އެވެ. މެޗުގެ ނުވަ ވަނަ މިނެޓްގައި އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ އަހްމަދު ވާފިރެވެ.
ލީޑްގައި އޮވެގެން، ނިލަންދުއިން ހާފު ނިންމާލި ނަމަވެސް، ދެ ވަނަ ހާފު ފެށިގޮތަށް އަރައި ޔުނައިޓަޑް ވިކްޓަރީން ނަތީޖާ ހަމަހަމަ ކުރި އެވެ. ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނޭޓްގައި އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ، ކެޕްޓަން އަހްމަދު ނާޝިދު (ނާއްޓޭ) އެވެ.
އޭގެ ހަތް މިނެޓް ފަހުން، ނިލަންދޫގެ އުޝާމް ވަނީ، އަނެއްކާވެސް ނިލަންދުއަށް ލީޑް ނަގައި ދީފަ އެވެ. މެޗުގެ 62 ވަނަ މިނެޓްގައި ޔޫވީގެ ޑިމިޓްރީ ވަނީ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ފުރަތަމަ ފަހަރަށް ޔޫވީއަށް ލީޑް ނަގައިދިނީ، ޔޫކްރޭންގެ ސިލިޗް ކައިރުލޯ އެވެ. އޭނާގެ ލަނޑު ޖެހީ 84 ވަނަ މިނެޓްގަ އެވެ. ހަތަރު ވަނަ ލަނޑު ޑިމިޓްރީ ކާމިޔާބު ކުރީ، 90 ވަނަ މިނެޓްގަ އެވެ.