ހަބަރު

މީޑިއާތަކަށް އިންޓަނެޓް އަގުހެޔޮކުރެވޭނެ މަގެއް ހޯދައިދޭން އެދިއްޖެ

މީޑިއާތަކަށް އިންޓަނެޓްގެ އަގު ހެޔޮކުރެވޭނެ މަގެއް ފަހިކޮށްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގައި އެދިއްޖެ އެވެ.

މީޑިއާ ކައުންސިލުން ބުނީ، މީޑިއާތަކަށް އިންޓަނެޓްގެ އަގު ހެޔޮކުރެވޭނެ މަގެއް ފަހިކޮށްދިނުމަށް އެދުނީ މިއަދު ހެނދުނު އެ މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ. އެބައްދަލުވުމުގައި މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ވަނީ މީޑިއާތަކުގެ މާލީ ހާލަތަށް ބަލާއިރު، އިންޓަނެޓްގެ ހިދުމަތަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަން ފާހަގަކުރައްވާފަ އެވެ. އިންޓަނެޓްގެ އަގު ބޮޑުވުމުގެ ސަބަބުން އޮންލައިން ނޫސްތަކާއި ޓީވީ ޗެނަލްތަކަށް ހުރި ދަތިތައް ފާހަގަކުރައްވައި އެކަންކަން ހައްލުކޮށްދިނުމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކޮށްދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ދެމުން އަންނަ އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން މީޑިއާތަކަށް އިންޓަނެޓްގެ އަގު ހެޔޮކޮށްދިނުމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރަން ނިންމާފައިވާ ބައެއް ކަންތައްތަކުގައި އެ މިނިސްޓްރީގެ އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ކައުންސިލްގެ މެމްބަރުން ވަނީ މިނިސްޓަރާ މަޝްވަރާ ކޮށްފަ އެވެ.