ހަބަރު

މަންމަގެ ހާއްސަ ކިޔާން: "ގުޑްބާއީ"!

"ދޮންބޭ! ގުޑްބާއީ ގުޑްބާއީ ގުޑްބާއީ!"

މިއީ ވަރަށް ހާއްސަ ކުއްޖެއް ކަމަށްވާ ކިޔާން އަބްދުﷲ ހާލިދު މިދިޔަ ހުކުރު ދުވަހުގެ ރޭ މޫދަށް އެރޭ ހިތުން މޫދު ކައިރިއަށް ދިޔުމުން އޭނާ ހުއްޓުވައި، އޭނާގެ ދޮންބެ، އޭނާ އުރާލުމުން ބުނެލި ބަހެވެ. އެ ރެއަކީ ހަތަރު އަހަރުގެ ކިޔާންގެ އެންމެ ފަހު ރެ އެވެ. ހިތްދަތި ހާދިސާއެއްގައި އޭނާ މި ދުނިޔެ ދޫކުރީ އޭގެ އަނެއް ދުވަހު މެންދުރުގެ ވަގުތުގަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 11:00 ގައި ލޯންޗުގައި ފުރައިގެން މާފުއްޓަށް ކިޔާންގެ މަންމަ، ފަރުޒާނާ ސައީދާއި އޭނާގެ އާއިލާ ދިޔައީ ހަފްތާ ބަންދުގައި ކުދިންނާއެކު އުފާވެރި ވަގުތެއް ހޭދަކޮށްލުމަށެވެ. ފަރުޒާނާ، އޭނާގެ ފަސް ކުދިންނާއި ބޭބެގެ އާއިލާ ތިބީ މޫދު ކައިރިީގައި ގާތްގަނޑަކަށް 50 ފޫޓު ދުރުގައި ހުންނަ ގެސްޓް ހައުސްއެއްގައި އެވެ.

ހޮނިހިރު ދުވަހު މެންދުރު އާއިލާގެ އެންމެން އެއްކޮށް ރަށު ތެރެ ބަލާލުމަށް ބޭރަށް ނުކުތެވެ. އެހެން ނަމަވެސް މެންދުރުގެ ވަގުތު ހޫނު ގަދަކަމުން ގާތް ގަޑަކަށް 12:30 ހާއިރު އަނބުރާ ގެސްޓް ހައުސްއަށް އެންމެން ވަނެެވެ.

ކިޔާން އުޅުނީ އޭނާގެ ތިން ބޭބެ އާއި މަންމައާއެކު އެއް ކޮޓަރިއެއްގަ އެވެ. މެންދުރުގެ ހޫނު ގަދަ ވަގުތު ބޭރުގައި އުޅުމަށްފަހު ކިޔާންގެ މަންމަ ފަރުޒާނާ ނިދާލަން އޮށޯވެލި އެވެ. ކިޔާންގެ މިޒާޒު އެނގޭތީ އޭނާގެ މަންމަ ނިދަން އޮށޯތީވެސް ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު އެވެ. ކިޔާާންއަކީ އޯޓިޒަމް ހުންނަ ކުއްޖެކެވެ.

މަންމަ ނިދުނުތަނާ ހެން މާގިނަ އިރު ތަކެއް ނުވެ ކިޔާން ބޭރަށް ނިކުތެވެ. އޭނާއަށް މޫދު މާ ކަމުދަނީ އެވެ. އޭނާގެ މިސްރާބަކީ މޫދެވެ. އެ ދިމާލަށް އޭނާ މިފަހަރު މިސްރާބު ޖެހީ އެއްވެސް މީހަކަށް ނޭގި ސިއްރުންނެވެ. އެއްވެސް މީހެއްގެ ގާތުގައި "ގުޑްބާއީ"އޭ ވެސް ބުނެ ނުލަ އެވެ.

ޖެހިގެން ހުރި ކޮޓަރީގައި އުޅޭ ފަރުޒާނާގެ ބޭބެގެ އަންހެނުން ކޮޓަރިން ނުކުތް ގަޑީގައި ފަރުޒާނާ ކޮޓަރީގެ ދޮރު ހުޅުވިފައި ހުރުމުން އޭނާ އަވަހަށް ކިޔާން ކޮބައިތޯ ބަލަން ދިޔަ އެވެ. ފަރުޒާނާއަށް ގޮވާލުމަށް ފަހު ކިޔާން ނެތޭ ބުންޏެވެ. މަންމަގެ ހުރިހާ ވަގުތަކާއި ސަމާލުކަމެއް ހާސްކޮށްފައިވާ ކިޔާން ފެންނަން ނެތުމުން އޭނާ ހާސްވެ ކަންބޮޑުވި އެވެ.

ރޭ ވެސް ކިޔާން މޫދަށް ދާން އުޅުނުކަން އޭނާގެ ދޮންބެގެ ހަނދާނަށް އައީ ކުއްލިއަކަށެވެ. އެއްވެސް ވަގުތެއް ބޭކާރުނުކޮށް އަވަހަށް ބެލްކަންޏަށް ގޮސް މޫދާ ދިމާ ބަލާލި އެވެ. އޭރު ކިޔާން ފަސް ގަނޑާ ފަސް ވަަރަކަށް ފޫޓު ބޭރުން ފެންނަން އޮތެވެ. ލިބުނު ޝޮކާއި ބިރުވެރިކަމާއެކު އެންމެން މޫދާ ދިމާލަށް ދުއްވައިގަތީ އެވެ.

"މޫދަށް ގޮސް އަވަހަށް ކިޔާން ނެގީ، އޭރު ތުއްތު ކިޔާންގެ އެއްވެސް ހަރަކާތެއް ނެތް!" ދޮންބެ ކިޔައިދިނެވެ.

އަވަސް އަވަހަށް ކިޔާން މޫދުން ނަގައި ސީޕީއާރް އާއި ފަސްޓް އެއިޑް ދިނެވެ. އެ ވަގުތު އޭނާގެ މަންމަ ފަރުޒާނާއަށް ފުން އަސަރުތަކެއް ކުރުވަމުންދިޔަ އެވެ. ދުނިޔެއަށް އުފަންވީ ދުވަހުން ފެށިގެން ހާއްސަ ސަމާލުކަމާކާއި އަޅާލުންދިން ކިޔާން އެގޮތަށް ބީވިގެންދާނެއޭ އޭނާ ހިތަކަށް ވެސް ނާރައެވެ.

މާގިނަ އިރެއް ނުވެ މާފުށީ ސިއްހީ މަރުކަޒަށް ކިޔާން ގެންދިޔަ އެވެ. އެތަނުގައި ކިޔާންއަށް ފަރުވާދީ އޮކްސިޖަންވެސް ދިނެވެ. ނަމަވެސް އޭނާގެ ފުރާނަ ސަލާމަތެއް ނުވި އެވެ.

އެ ހިތްދަތިކަމާއެކު ކިޔާންގެ މަންމަ ވަނީ ކިޔާން ވަކިވެ ދިޔުމުގެ ކުޑަ އިރުކޮޅެއް ކުރިން ނަގާފައިވާ ފޮޓޯތަކަކާއެކު އަސަރުގަދަ ޕޯސްޓެއް ފޭސްބުކްގައި ކޮށްފަ އެވެ.

"ދަރިފުޅާ، ބައެއް މީހުން އަހަރެން ގާތު އަހާ، ތިއީ އަހަރެންގެ ހަމައެކަނި ދަރިފުޅުހޭ، މިއަދު އެ ސުވާލަށް ޖަވާބުދޭން ބޭނުން، އަހަރަންގެ ހުރިހާ ވަގުތެއް ދިނީ ދަރިފުޅަށް، އެއީ ދަރިފުޅު ހާއްސަވީމަ، ހާއްސަ އަޅާލުމާއި ހާއްސަ އެހީ ކިޔާންއަށް ބޭނުންވި، އަހަރެން ބޭނުންވީ ދަރިފުޅުގެ ހުނަރުތައް އިތުރު ކުރަން، ކަންކަން ދަސްކޮށްދޭން،" އިތުރު ހަތަރު ދަރިން ވެސް ތިބޭ ފަރުޒާނާގެ ޕޯސްޓްގައިވެ އެވެ. "އަހަރެން ދަރިފުޅު ދަތުރު ގެންދިޔައީ އުފަލުގައި ބަހައްޓަން، އެކަމަކު ދަރިފުޅު އަހަރެންނާ ވަކިވެގެންދާން ނެގީ ހިނދުކޮޅެއް،"

"ދަރިފުޅު އަބަދުވެސް އަހަރެންނާއެކު ކުޅެނީ ހައިޑް އެންޑް ސީކް، މަންމަ އަބަދުވެސް ދަރިފުޅު ހޯދަން، އެކަމަކު.. މިއަދު ދަރިފުޅު ސަލާމަތް ކުރުމުގެ ފުރުސަތު އަހަރެންނަށް ނުލިބުން، ކީއްވެ ކަމެއް އަހަރެންނަށް ނޭނގޭ،"!