ރިޕޯޓް

ރަޝްފާގެ ތިންމައިންގެ މަރު: ހިތެއް ފަޅައިގެން ދިއުން!

ބަލިވެއިން ވާހަކަ މުހައްމަދު ނާޝިދުގެ ގާތުގައި ރަޝްފާ އަހުމަދު ބުނި ދުވަހާއި ވަގުތު ވާނީ ނާޝީދުގެ ހަޔާތުގައި ހާއްސަ އަދި ތާރީހީ ދުވަހަކަށެވެ. ރަޝްފާ ބަލިވެ އިނީ އެއްމާބަނޑު ދެ ކުދިންނަށްކަން އެނގުނު ދުވަސް ވެސް ވާނީ ނާޝިދުގެ ލޮލުން އުފަލުގެ ކަރުނަ ފައިބައިގަތް ދުވަހަކަށެވެ. އަދި އެއީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެއްކަން އެނގުނު ވަގުތުވެސް ވާނީ ނާޝިދުގެ ލޯ ތެމުނު ދުވަހަކަށެވެ.

އެހެން ނަމަވެސް މިއަދު ތަފާތުވެއްޖެ އެވެ. މިއަދު ނާޝިދުގެ ލޮލުން އައީ ހިތާމައިގެ ކަރުނަ އެވެ. އެއްމާބަނޑު ދެބެންނަށް ބަލިވެ އިން އޭނާގެ ލޯބިވާ އަނބިމީހާ، ރަޝްފާ ކުއްލި ގޮތަކަށް މި ދުނިޔެއާ ވަކިވެގެން ދިޔައީ އެވެ. ބަލިވެއިނދެ އަށް މަހުގަ އެވެ. ރަޝްފާގެ ކުއްލި މަރާއެކު ނާޝިދުގެ ހިތް ވަނީ ފަޅައިގެން ގޮސްފައެވެ. ދެ ފަރާތު އާއިލާ ވަނީ ހިތާމައިގެ ތެރެއަށް ގެނބިފައެވެ. އެ އަޑު އެހި ހުރިހާ ދިވެހިންގެ ހިތްވެސް ވަނީ ދެރަވެ، ކޫރު އެޅިފަ އެވެ.

ރަޝްފާއަކީ ރާއްޖޭގެ ދެކުނުން އެއްފަހަށް އޮތް އަތޮޅު، ފުވައްމުލަކަށް ނިސްބަތްވާ ރީތި ކުއްޖެކެވެ. ނާޝިދަކީ މާލެ އަތޮޅުގައި ގާތްގަނޑަކަށް ރިސޯޓަކަށް ބަދަލުވެފައިވާ މާފުށީގެ ޒުވާނެވެ. އުމުރުން 20 އަހަރުގެ ރަޝްފާ އާއި ނާޝިދުގެ ކައިވެންޏަށް ދެ އަހަރާ ތިން މަސް ފުރުނީ މިއަދު އެވެ. އެހެން ނަމަވެސް މިއަދު ރަޝްފާ، ނާޝިދާ ވަކިވެން ދިޔައީ އެވެ.

އެންމާބަނޑު ދެ ކުދިން ލިބޭތީ އާއި ވިހާ ދުވަސް ކައިރިވަމުން އަންނާތީ ނަޝީދާއި ރަޝްފާ ވަރަށް ބޮޑަށް ތައްޔާރުވި އެވެ. ހާއްސަކޮށް އެއްމާބަނޑު ދެބެންނަށް ކިޔާނެ ނަންތަކަކާމެދު ވަރަށް ގިނައިން ވާހަކަ ދެކެވުނެވެ. އެ ނޫނަސް އެ ދެބެން އުފަންވާނެ ހާއްސަ ދުވަހަށް ދެމަފިރިން އައީ ވަރަށް ރާވައި ތައްޔާރުވަމުންނެވެ. އެ އުންމީދުތަކާއި ވެފައި އޮތް ތައްޔާރީތައް ހިތާމައަށް ބަދަލުވެގެން ދިޔައީ ކުއްލި ގޮތަކަށް ރޭ ފަތިހު ރަޝްފާ މި ދުނިޔެއާ ވަކި ވުމުންނެވެ. -- އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިއޫން!

ރަޝްފާގެ ވަކިވުމާއެކު އެ ކަމުގެ ހިތާމައިގެ ތެރެެއަށް ވަން މީހުންގެ ތެރެެއިން އެތައް ބަޔަކު ވަނީ މާބަނޑުވެފައި ހުއްޓާ ރަޝްފާ ނަގާފައިވާ ރީތި، އަސަރު ގަދަ ފޮޓޯއެއް ސޯޝަލް މީޑިއާގެ ތެރެއަށް ދޫކޮށްލައި ހިތާމަވެރި ހަބަރު ދީފަ އެވެ. އެހެންވެ ނާޝިދާއި އާއިލާގެ ހިތާމައިގައި އެހެން ހުރިހާ ދިވެހިންވެސް ވަނީ ބައިވެރިވެފަ އެވެ.

"ފަތިހު ރަޝްފާއަށް ހޭލެވުމުން އަހަންނަށް ގޮވާފައި ބުނީ ބަނޑުހައިވާ ވާހަކަ... އަހަރެން ބުނީ ހިނގާށޭ އަވަހަށް ކާން.
ދެން ބަދިގެއަށް ގެންގޮސް ދިނުމުން އިރުކޮޅަކު ގޮނޑީގައި އިށީނދެގެން އިން... އަހަރެން ކާން ހަދައިގެން އައިސް ކައިރީ ގައި އިށީނދެގެން އިނީ، ހަމަ އިރުކޮޅެއް ވާނީ. މަޑުމަޑުން ރަޝްފާ އަހަރެންގެ އަތްދަނޑި މައްޗަށް ވެއްޓުނީ. ދެން އެމްބިއުލަންސަށް ގުޅައިގެން ހޮސްޕިޓަލަށް ގެންދިޔައީ. ގެނދިޔައިރު ވެސް އެހީތެރިވާން އުޅުނު މީހުން ބުނި ރަޝްފާއަކަށް ނޭވާއެއް ނުލެވެއޭ،" ނާޝިދު މިއަދު އަވަސް އަށް ވާހަކަ ދައްކަމުން ބުންޏެވެ. -- އޭނާއަށް މާ ގިނަ ވާހަކައެއް ދެއްކޭ ވަރެއް ނުވި އެވެ.

ނާޝިދު ބުނި ގޮތުގައި ރަޝްފާ ހޮސްޕިޓަލަށް ގެންދިޔުމާއެކު ފުރާނަ ނެތް ކަން އެނގުނެވެ. ނަމަވެސް ހަތަރު ފަހަރެއްގެ މަތީން އީސީޖީ ގުޅައިގެން ރަޝްފާގެ ބަނޑުގައި އޮތް އެއް މާބަނޑު ދެކުދިން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރި އެވެ.

"އެހެންނަމަވެސް، ދެ ކުދިންނާއެކު ރަޝްފާގެ ވެސް އެއްވެސް ވިންދެއް ނެތް ކަމަށް ޑޮކްޓަރުން ވިދާޅުވީ،"

އެއްމާބަނޑު ދެ ކުދީންނަށް ބަލިވެ އިންދައި މަރުވި ރަޝްފާއަކީ ވެސް ނިބޫ ކުއްޖެކެވެ. ރަޝްފާގެ ބޮޑު ދައިތައަކު ބުނި ގޮތުގައި ބަނޑުބޮޑުވެގެން މިހާތަނަށް އާއިރުވެސް ކެއުމުގައި ވެސް އަދި އެހެން ކަންކަމުގައި ވެސް ރަޝްފާ ވަރަށް ފަރުވާ ބެހެއްޓިއެވެ. އަދި މާބަނޑު ދުވަސްވަރު އާންމުކޮށް ދިމާވާ ކަންކަން ނޫން ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށެވެ. އޭނާއާ އެންމެ ފަހުން ވާހަކަ ދެކެވުނު ހާލު ރަނގަޅެވެ. އެކަމަކު ކުޑަކޮށް ރޯގާ ހުރުމުން ކެއްސާ ކަމަށް ބުނެފައި ވެއެވެ.

"ރޭގަވެސް ރަޝްފާ އަށް ގުޅައިގެން ވާހަކަ ދެއްކިން. ހަމަ ހުރިހާ ކަމެއްވެސް ރަނގަޅޭ ބުނީ. ކުޑަކޮށް ކެއްސާ ވާހަކަ ބުނުމުން އަހަރެން ބުނިން، ރޯގާ ނަޔަސް މޭގައި ރޯގާ ހިފާފައި ހުރެދާނެއޭ. އެންމެ ފަހުން ޑޮކްޓަރަށް ދެއްކި ދުވަހުވެސް ޑޮކްޓަރުން ވެސް ނުބުނޭ އެއްވެސް މަައްސަލައެއް ހުރި ކަމަަކަށް. އެންމެ ފަހުން ދެއްކީ މިދިޔަ މަހުގެ 25 ގައި. އަދި ބުނި ހަފުތާއެއް ފަހުން އަންނާށޭ ސްކޭން ކުރަން. އޭރުން ދެ ބޭބީ ތިބި ގޮތް އެނގޭނޭވެސް،"

އެންމާބަނޑު ދެބެންނަށް ބަލިވެ އިންދާ ރަޝްފާ މަރުވީ ގުދުރަތީ މަރަކުންނެވެ. އޭނާއާއެކު މިއަދު މާފުށީގައި ވަޅުލާނީ އޭނާގެ ހަޔާތުގައި ދެކެމުން އައި ހުވަފެންތައް އެކަންޏެއް ނޫނެވެ. އެ ހުވަފެންތަކުގައި ކުލަޖައްސައިދޭނެ ކަމަށް އުންމީދު ކުރެވުނު ދެ ފުރާނަ އެވެ. ރަޝްފާ އާއި ނާޝިދު އެކުގައި ދެކެމުން އައި ފޮނި ހުވަފެންތައް ރޭ ފަތިހާ ހަމައަށް ނިމުނީ އެވެ.