ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހޮސްޕިޓަލްގެ އިހުމާލުން މަރުވި އުމުރުން ފަސް އަހަރުގެ ސަދާ ސައުދުﷲގެ މަރުގެ މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އާއިލާއަށް ލިބިގެންވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ނިންމައިފި އެވެ.
ސަދާގެ އާއިލާގެ ފަރާތުން އެ މައްސަލަ ބަލައިދިނުމަށް އެދި ކަމާ ގުޅުންހުރި އިދާރާތަކަށް މައްސަލަ ހުށަހެޅި އެވެ. އެޗްއާރްސީއެމްއަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެ ކޮމިޝަނުން ނިންމާފައިވަނީ ކަމާ ގުޅުންހުރި އިދާރާތަކުން މި މައްސަލައިގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިފައިވާ ކަމަށެވެ.
އެގޮތުން ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމެންޓުން މައްސަލަ ރިވިއުކުރުމަށްފަހު ފާހަގަކޮށްފައިވާ ކަންކަން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލާ ހިއްސާކޮށްފައިވާ ކަން އެޗްއާރްސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެ ކައުންސިލުން މި މައްސަލަ ތަހުގީގުކޮށް އެކުލަވާލާފައިވާ ރިޕޯޓަށް ބިނާކޮށް މައްސަލައިގައި އިހުމާލުވެފައިވާ ކަމަށް ފާހަގަވާ ޑޮކްޓަރުންނާ މެދު ފިޔަވަޅު އަޅާފައިވާކަން ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވިފައިވާކަން ވެސް ބަޔާންކޮށްފައިވެ އެވެ.
މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލުން މައްސަލަ ރިވިއުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމާއި، ފުލުހުންގެ ފަރާތުން ވެސް މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރިއަށްދާކަން ކޮމިޝަންގެ ތަހުގީގަށް ހޯދިފައިވާ މައުލޫމާތުތަކުން އެނގެން އޮތް ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
"އަދި މި މައްސަލައިގައި ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ޝަރުއީ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ހައްގު ގެއްލިފައިވާ ފަރާތައް އޮތްކަން ފާހަގަކުރަން،" އެޗްއާރްސީއެމްގެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
މި ރިޕޯޓު ހިއްސާކުރަމުން ސަދާގެ ބައްޕަ، ސައުދުއްﷲ އަހުމަދު ވިދާޅުވެފައިވަނީ މި މައްސަލައިގެ މަދަނީ ކަންކަން ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ކުރިއަށް ގެންދާ ކަމަށެވެ. މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ފުވައްމުލަކު ހޮސްޕިޓަލަށް ސަދާ ގެންދިޔައީ ބަނޑުގައި ރިއްސާ ހޮނޑުލާތީ ފުވައްމުލަކުގައި އޭރު ހުރި ފުލޫ ކްލިނިކަށް ދެއްކުމަށްފަހު އެތަނުން އަންގައިގެން މިދިޔަ އޮކްޓޫބަރު ފުރަތަމަ ދުވަހު އެވެ. ސަދާ މަރުވީ އޮކްޓޫބަރު ތިންވަނަ ދުވަހު އެވެ.
ސަދާ މަރުވި ކަމަށް އާއިލާއިން ތުހުމަތު ކުރަނީ ފުވައްމުލަކު ހޮސްޕިޓަލުން ޖެހި އިންޖެކްޝަނަކަށް ފަހު އެވެ. ސަދާ މަރުވެފައި ވަނީ މިދިޔަ އޮކްޓޯބަރު ތިން ވަނަ ދުވަހު އެވެ.
ސަދާގެ މަރާ ގުޅިގެން ހެލްތު މިނިސްޓްރީން އެކުލަވާލި ރިޕޯޓްގައި 21 ކަމެއް ފާހަގަކޮށްފައިވާއިރު އޭގެ ތެރޭގައި ސަދާ އަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުންގެ ބޮޑެތި އިހްމާލުތަކަކާއި ދޮގު މައުލޫމާތު ދިން މައްސަލަތަކެއް ވެސް ފާހަގަކޮށްފައިވެ އެވެ.