ހަބަރު

ތިން މައިންގެ މަރާ ބެހޭ މައްސަލަ ހެލްތުން ބަލަނީ

އެއްމާބަނޑު ދެކުދިންނަށް ބަލިވެއިންދާ މަރުވި، ރަޝްފާ އަހުމަދުގެ ކުއްލި މަރާ ގުޅިގެން އާއިލާއަށް ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އެ މައްސަލަތައް އާއިލާގެ ފަރާތުން ކަމާ ގުޅޭ ތިން މުއައްސަސާއަކަށް ހުށަހަޅައިގެން، މައްސަލަތައް ބަލަން ފަށައިފި އެވެ.

އެއްމާބަނޑު ދެކުދިންނަށް ބަލިވެއިން އުމުރުން 20 އަހަރުގެ ފުވައްމުލަކަށް ނިސްބަތްވާ ރަޝްފާ އަހްމަދު މަރުވީ މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. ރަޝްފާގެ ބަނޑަށް އަށް މަހުގައި މަރުވެފައިވަނީ ކުއްލި ގޮތަކަށް، ކ. މާފުށީ ސިއްހީ މަރުކަޒުގައި އެ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ.

އާއިލާގެ ފަރާތުން "އަވަސް" އަށް ވާހަކަ ދައްކަމުން ރަޝްފާގެ ބޮޑުދައިތަ، ރަޒީނާ އަހުމަދު ބުނީ ރަޝްފާ އެރޭ ކެއްސާތީ މާފުށީ ހެލްތު ސެންޓަރަށް ދެއްކި ކަމަށެވެ. އަދި، ޑޮކްޓަރުން އޭނާ އަށް ދީފައިވާ ބޭހާ މެދު އާއިލާއަށް ޝައްކު އުފެދޭ ކަމަށެވެ. އެރޭ އެ ބޭސް ކޭ ފަހުން، ދަންވަރު ވަރަށް ގަދަ އަށް ހޮޑުލި ކަމަށްވެސް ރަޝްފާގެ އާއިލާއިން ވާހަކަ ދައްކަމުން ބޮޑުދައިތަ ބުންޏެވެ.

މާފުށީ ހެލްތު ސެންޓަރުން ރަޝްފާއަށް ދީފައިވަނީ "ގްރިލިންކްޓަސް" ކިޔާ ބޭހެއް ކަމަށާއި، މި ބޭސް ދިނީ އާއްމު ބަލިތަކާ ބެހޭ ޑޮކްޓަރެއް ކަމަށްވެސް ރަޒީނާ ބުންޏެވެ. އަދި ބުނީ، ބޮޑަށް ބެލެވެނީ އެރޭ ހޮޑު ލީ ދިން ބޭހުގެ ސަބަބުން ކަމަށް ޝައްކު ކުރެވޭ ކަމަށެވެ. އަދި އާއްމުކޮށް މާބަނޑު އަންހެނަކަށް ގައިނަކޮލޮޖިސްޓް އެއްގެ ލަފައާ ނުލާ ބޭސް ދީފައި ވާތީ އެކަމާ މެދު ރަޒީނާ ޝައްކު އުފެއްދި އެވެ.

"މާފުށީ ހެލްތު ސެންޓަރަށް އެންމެ ފުރަތަމަވެސް ޑޮކްޓަރަށް ދެއްކީ، އަދި ޑޮކްޓަރަށް ދެއްކުމުން އެމީހުން ދީފައިވަނީ "ގްރިލިންކްޓަސް" ކިޔާ ބޭހެއް. އާއްމު ބަލިތަކަށް ފަރުވާދޭ ޑޮކްޓަރަކު މާބަނޑު އަންހެނަކަށް އާއްމުކޮށް ބޭހެއް ނުދޭނެ. ގައިނީ އެއްގެ ލަފާ ހޯދާފަ ބޭސްދޭނީ. އަދި އެއްވެސް ކަހަލަ ސައިޑް އެެފެކްޓް އެއް ފެނިއްޖެ ކަމުގައިވާނަމަ ވެސް އަލުން ދައްކަން ބުނާނެ. މިކަންކަން ސާފުވާން ޖެހޭތީ މައްސަލަ ހުށަހެޅީ،" ރަޒީނާ ބުންޏެވެ.

ރަޝްފާގެ މަރުގެ މައްސަލަައިގައި އާއިލާއިން މައްސަލަ ހުށަހެޅީ ފުލުހުންނާއި ހެލްތު މިނިސްޓްރީ އަށެވެ. މި މުއައްސަސާތަކުން، "އަވަސް"އަށް ކަށަވަރުކޮށް ދިން ގޮތުގައި ރަޝްފާގެ އާއިލާއިން ހުށަހެޅި މައްސަލަތައް މިހާރު އަންނަނީ ބަލަމުން އެވެ.

ހެލްތު މިނިސްޓްރީއިން ވާހަކަ ދައްކަމުން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ. އަދި ފުލުހުންނާ ގުޅިގެން މައްސަލަ ބަލަމުންދާތީ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް ވިދާޅުވި އެވެ. މި މައްސަލަައިގައި މާފުށީ ހެލްތު ސެންޓަރުގެ ބޭފުޅަކު ވިދާޅުވީ، މިއީ މިހާރު ބަލަމުންދާ މައްސަލައެއް ކަމުން މައްސަލައާ
ގުޅޭ އެއްވެސް މައުލޫމާތެއް މިވަގުތު ދެވެން ނެތް ކަމަށެވެ.