މިޝްކާގެ މަރު

މިޝްކާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅައިފި

Jun 20, 2021
1

ކޮވިޑް 19 ގައި ރާއްޖެ އިން މަރުވި އެންމެ ހަގު ކުއްޖާގެ ގޮތުގައި ރެކޯޑްކޮށްފައިވާ މިޝްކާ މުހައްމަދު މަރުވި މައްސަލާގައި ޖިނާއީ ތަހުގީގެއް ކުރިއަށް ގެންގޮސްދިނުމަށް އެޗްއާރްސީއެމް އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.

އެޗްއާރްސީއެމްގެ މެންބަރު މުއުމިނާ ވަހީދު ވިދާޅުވީ މިޝްކާގެ މަރުގެ މައްސަލައާއި ގުޅިގެން އެއްވެސް ތަހުގީގެއް ހިނގަމުންދޭތޯ ފުލުހުންނާ ސުވާލުކުރުމުން އެފަދަ ތަހުގީގެއް ހިނގަމުން ނުދާ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންކަމުން މިޝްކާގެ މަރުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް މިމަހުގެ 14 ވަނަ ދުވަހު ކޮމިޝަނުން ފުލުހުންނަށް އަންގާފައިވާނެ ކަމަށް ވިދާޅުވި އެވެ.

މުއުމިނާ ވިދާޅުވީ މިޝްކާގެ މަރުގެ މައްސަލަ ބެލުމަށްފަހު ހެލްތު މިނިސްޓްރީން ރިޕޯޓެއް އާންމުކުރި ނަމަވެސް ކޮމިޝަނުން އެދިގެން މިއަދާ ހަމައަށް ވެސް އެ ރިޕޯޓް ވެސް ލިބިފައި ނުވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ރިޕޯޓު ފޮނުވާނެ ކަމަށް މިނިސްޓަރު ވެސް ވިދާޅުވި. އެކަމަކު އެކަން ވެސް އަދި މިހާތަަނަށް ތަންފީޒުވެ މިއަދާ ހަމައަށްވެސް އެ ރިޕޯޓް ލިބިފައެއް ނެތް" މުއުމިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިޝްކާގެ މަރުގެ މައްސަލާގައި އައިޖީއެމްއެޗުން ތައްޔާރުކޮށްފައިވާ ރިވިއު ރިޕޯޓެއް މިމަހުގެ 13 ވަނަ ދުވަހު ލިބިފައިވާ ކަމަށެވެ. އެކަމަކު އެ ރިޕޯޓްގައި ވެސް ކޮމިޝަނުން ބޭނުންވާ ބައެއް މައުލޫމާތު ނެތުމުން އެ މައުލޫމާތު އަވަހަށް ހިއްސާކޮށްދިނުމަށް އައިޖީއެމްއެޗްގައި އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ. މިޝްކާގެ އާއިލާ އަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ދިނުމަށްޓަކައި އެޗްއާރްސީއެމުން ޖެންޑާ މިނިސްޓްރީއާ މަޝްވަރާ ކޮށްފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މުއުމިނާ އިތުރަށް ވިދާޅުވީ މިޝްކާގެ މަރުގެ މައްސަލަ ކޮމިޝަނަށް ނިންމޭނީ ކަމާ ގުޅޭ އިދާރާތަކުގެ މައުލޫމާތުތައް ލިބުމުން ކަމަށެވެ. އެ މައުލޫމާތު ލިބުމުން ކޮމިޝަނުން އެކުލަވާލާ ރިޕޯޓް އާންމުކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިޝްކާގެ ބައްޕައާއި މަންމަ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިޝްކާ ވެސް ގޭގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑަށް ޕޮޒިޓިވް ވުމުން އޭނާގެ ހާލު ސީރިއަސްވީ ޖޫން އެއްވަނަ ދުވަހު އެވެ. އެރޭ މިޝްކާގެ ހާލު ކުއްލިއަކަށް ގޯސްވުމުން އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސަށް ގުޅީ އެ ރޭ 11:40 ހާއިރު ކަމަށް އާއިލާ އިން ބުނެ އެވެ. އެކަމަކު މިޝްކާ ބަލައި އެމްބިއުލާންސް ދިޔައީ ގުޅިތާ ގާތްގަނޑަކަށް ދެގަޑިއިރާ 25 މިނެޓް ފަހުން ހެލްތު މިނިސްޓްރީން އެ މައްސަލާގައި އެކުލަވާލި ރިޕޯޓްގައި ބުނެފައިވެ އެވެ.

މިޝްކާގެ މަރުގެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޝަން ވެސް ގެންދަނީ ބަލަމުންނެވެ. ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު މިނިސްޓްރީން ތައްޔާރުކުރި ރިޕޯޓް ކޮމިޓީއަށް ހުށަހަޅަން އެއް ހަފްތާ ދެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ. އެ މުއްދަތު ހަމަވެފައިވާއިރު މިހަފްތާ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އުމުރުން 10 އަހަރުގެ މިޝްކާގެ މަރުގެ މައްސަލާގައި މިނިސްޓްރީން އެކުލަވާލި ރިޕޯޓްގައި ކަމާ ގުޅޭ އިދާރާތަކުގެ އިހްމާލުތަކެއްވާ ކަމަށް ބުނެފައިވީ ނަމަވެސް އެއްވެސް އިދާރާއެއްގެ އެއްވެސް މުވައްޒަފަކަށް ފިޔަވަޅު އެޅި ކަމަކަށް މިނިސްޓްރީން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.