އެޗްއާރްސީއެމް

ގާނޫނީ އިމުގެ ތެރެއިން އެއްވެ އުޅުމުގެ ހައްގު ކަށަވަރުކޮށްދޭން ގޮވާލައިފި

އެމްޑީޕީގެ މުޒާހަރާގެ ތެރެއިން
0%
0%
0%

ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ހައްގަކީ ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ ހައްގަކަށްވާތީ ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުން އެ ހައްގު ކަށަވަރުކޮށްދިނުމަށް އެޗްއާރްސީއެމް އިން ގޮވާލައިފި އެވެ.

އިދިކޮޅު އެމްޑީޕީން މާލޭގައި ކޮންމެ ރެއަކު މިހާރު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކަށް ފުލުހުން ހުރަސްއަޅަމުންދާތީ އެޗްއާރްސީއެމް އިން މިރޭ ނެރުނު ބަޔާނުގައި ވަނީ އެއްވެ އުޅުމުގެ ހައްގު ކަށަވަރުކޮށްދިނުމާއެކު މުޒާހަރާ ކަވަރުކުރާ މީީޑިއާތަކަށްވެސް ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ. އަދި ބާރުގެ ބޭނުންކުރަންޖެހޭ ހާލަތުގައިވެސް ގާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުންކުރަން ފުލުހުންނަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަހްމަދު މީކާއިލް ނަސީމުގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސް މުއިއްޒުގެ ދަރިކަލުންނަށް އިޝާރާތް ކުރައްވާ ވާހަކަދައްކަވާފައިވާތީ އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

އެޗްއާރުސީއެމުން ބުނީ ކުޑަކުއްޖެއްގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކުމަކީ ހިޔާލުފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެފަދަ ކަންކަން ހުއްޓުވުމަށް ފިޔަވަޅުތައް އެޅުމަށް އިދާރާތަކަށް ވަނީ ގޮވާލާފަ އެވެ.

އެމްޑީޕީގެ މުޒާހަރާގެ ތެރެއިން

އެޗްއާރްސީއެމް އިން ބުނީ ކުޑަކުދިންނަކީ ހާއްސަ ރައްކާތެރިކަމެއް ގާނޫނީ ގޮތުން ލިބިފައިވާ ބަޔަކަށް ވާތީ އެކުދިންގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެ ކަމަށެވެެ. ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރަންވާނީ އެހެން މީހުންގެ ހައްގުތަކަށް އުނިކަން ނުލިބޭ ގޮތަށް ޒިންމާދާރުކަމާ އެކު ކަމަށްވެސް ބުންޏެވެ.

އެމްޑީޕީގެ މުޒާހަރާތަކުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގަމުންދާ ފާހަގަކޮށް ބަޔާނުގައި ބުނީ މާލޭގެ ގްރީން ޒޯނަށްވެސް މުޒާހަރާގެ ބައިވެރިން ވަންނަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންވެ މުޒާހަރާކުރާއިރު ސުލްހަވެރިކަން އިސްކޮށް އަދި މަގުތައް ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނެ ގޮތަށް އަމަލުކުރުމަށްވެސް މުޒާހަރާގެ ބައިވެރިންނަށް ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345