މޯލްޑިވްސް ޕޮލިސް ސާވިސް

ސަދާގެ މަރާ ގުޅޭ މީހުންގެ މައްސަލަ ތަހުގީގުކުރަން ޕޮލިހަށް

Mar 3, 2022

ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހޮސްޕިޓަލްގެ އިހްމާލުން މަރުވި އުމުރުން ފަސް އަހަރުގެ ސަދާ ސައުދުﷲގެ މަރުގެ މައްސަލައިގައި އިހްމާލުވި ޑޮކްޓަރުންނާއި ނަރުހުންނަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ސަދާގެ ބައްޕަ ސައުދުﷲ އަހްމަދު ފުލުހުންނަށް ހުށަހަޅައިފި އެވެ.

ސައުދުﷲ އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ސަދާގެ މަރުގެ މައްސަލައިގައި ކަންހިނގާދިޔަ ގޮތް ބަލައި ހެލްތު މިނިސްޓްރީން އެކުލަވާލި ރިޕޯޓްގައި ސަދާ މަރުވީ ޑޮކްޓަރުންނާއި ނަރުހުންގެ އިހްމާލުން ކަމަށް ބުނެފައިވާތީ ޖިނާއީ ތަހުގީގެއް ކުރިއަށް ގެންގޮސްދިނުމަށް އެދޭ ކަމަށެވެ.

ވެރިކަން ކުރާ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ކުރިން މަސައްކަތް ކޮށްފައިވާ ސައުދު ވަނީ ހެލްތު މިނިސްޓްރީއާ ދެކޮޅަށް މަދަނީ ދައުވާކުރުމަށް ވެސް ނިންމާފަ އެވެ.

ސަދާގެ މަރުގެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ހުށަހެޅިއިރު އެ މައްސަލައިގައި އެންމެ ބޮޑަށް އިހްމާލުވި ޑޮކްޓަރު ވަނީ ރާއްޖެއިން ފޮނުވާލާފަ އެވެ. ދެވަނަ ޑޮކްޓަރުގެ ލައިސަންސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

ސަދާ ފަރުވާ ދިން ނަރުހުންގެ މައްސަލަތަކެއް ނާސިން ކައުންސިލުން ވަނީ ބަލާފަ އެވެ. އެ މައްސަލައިގެ ގޮތެއް ނިންމި ކަމެއް އެނގިފައެއް ނުވެ އެވެ.

ފުވައްމުލަކު ހޮސްޕިޓަލަށް ސަދާ ގެންދިޔައީ ބަނޑުގައި ރިއްސާ ހޮނޑުލާތީ ފުވައްމުލަކުގައި އޭރު ހުރި ފުލޫ ކްލިނިކަށް ދެއްކުމަށްފަހު އެތަނުން އަންގައިގެން އޮކްޓޫބަރު ފުރަތަމަ ދުވަހު އެވެ. ސަދާ މަރުވީ އޮކްޓޫބަރު ތިންވަނަ ދުވަހު އެވެ. ސަދާ މަރުވި ކަމަށް އާއިލާއިން ތުހުމަތު ކުރަނީ ފުވައްމުލަކު ހޮސްޕިޓަލުން ޖެހި އިންޖެކްޝަނަކަށް ފަހު އެވެ.

ސަދާގެ މަރާ ގުޅިގެން މިނިސްޓްރީން އެކުލަވާލި ރިޕޯޓްގައި 21 ކަމެއް ފާހަގަކޮށްފައިވާއިރު އޭގެ ތެރޭގައި ސަދާ އަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުންގެ ބޮޑެތި އިހްމާލުތަކަކާއި ދޮގު މައުލޫމާތު ދިން މައްސަލަތަކެއް ވެސް ފާހަގަކޮށްފައިވެ އެވެ.