ގއ. ވިލިނގިލީގައި ސިޒޭރިއަން ހެދި ފަހުން ދެމައިން ނިޔާވި މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ގޮވާލައި މިއަދު އެ ރަށުގައި އިހްތިޖާޖުކޮށްފި އެވެ.
ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލްގައި ސިޒޭރިއަން ހެދި ފަހުން މިދިޔަ ބުދަ ދުވަހު ނިޔާވީ އެ ރަށު ޝިއުނާ ތައުފީގާއި އޭނާގެ ދަރިފުޅެވެ.
އިހުތިޖާޖުގެ ބައިވެރިން ކަޅު ހެދުމުގައި މި އިހްތިޖާޖުގެ ހަރަކާތް ފެށީ ހޮސްޕިޓަލްގެ ކުރިމަތިންނެވެ.
އިހްތިޖާޖުގެ ބައިވެރިން ގޮވަމުން ދިޔަ ގޮތުގައި ޝިއުނާގެ މަރަކީ ގއ. އަތޮޅު ހޮސްޕިޓަލްގެ އިހްމާލުން ހިނގާފައިވާ އެތައް މަރެއްގެ ތެރެއިން އެންމެ މަރެކެވެ. އެ ހޮސްޕިޓަލްގެ އިހްމާލުން އެތައް ބަޔަކަށް ސިއްހީ އިތުރު އަނިޔާއާއި ވޭން ތަހައްމަލް ކުރަންޖެހިފައިވާ ކަމަށްވެސް އެ މީހުން ގޮވަމުން ދިޔަ އެވެ.
އިހްތިޖާޖު ކުރި މީހުން ބުނަމުން ދިޔަ ގޮތުގައި ކުޑަ އާބާދީއެއްގައި ހުންނަ ހެލްތު ސެންޓަރަކަށް ވުރެ ގއ. އަތޮޅު ހޮސްޕިޓަލްގެ ހާލަތު ގޯހެވެ. އެ ހޮސްޕިޓަލުން ލިބޭ ހިދުމަތަކީ އެ މީހުންނަށް ހައްގު މިންވަރު ނޫން ކަމަށްވެސް އިހްތިޖާޖު ކުރި މީހުން ބުނަމުން ދިޔަ އެވެ.
ވިލިނގިލީގައި ދެމައިން ނިޔާވި ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ބެލުމަށް ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށާފަ އެވެ. ޝިއުނާގެ މަރުގެ މައްސަލަ ބަލަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ވެސް ބުނެފައިވެ އެވެ.
ޝިއުނާ ތައުފީގުގެ ސިޒޭރިއަން ހެދީ އޭނާގެ ބަނޑަށް އަށް މަހުގައެވެ. ސިޒޭރިއަނަށްފަހު އޭނާގެ ހާލު ވަރަށް ބޮޑަށް ގޯސްވި ކަމަށް އާއިލާ އިން ތުހުމަތުކުރެ އެވެ. އާއިލާ އިން ބުނާ ގޮތުގައި ޝިއުނާ މަރުވީ ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާ ދިނުން ލަސްވެ އިހްމާލުވުމުންނެވެ.
ޝިއުނާގެ ސިޒޭރިއަން ހެދީ އޭނާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވުމުން ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ކުޑަކުދިންގެ ޑޮކްޓަރެއް ގެންގޮސްގެން ކަމަށް މައުލޫމާތު ލިބެ އެވެ.
"އޭގެ ކުރިން ހުރިހާ ވަގުތަކުވެސް ބުނަމުން ދިޔައީ މާލެ ގެންދަން ފްލައިޓް އަންނަ ވާހަކަ،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެއާ އެމްބިއުލާންސް ބުދަ ދުވަހުގެ ރޭ 7:00 ހާއިރު ގެންދަން ނިންމުމަށްފަހު ބަލި މީހާ ސްޓޭބަލް ކަމަށް ވިލިނގިލި ހޮސްޕިޓަލް އިން އެންގުމުން ފަހުން ފްލައިޓް ކެންސަލް ވެސް ކުރި އެވެ. ނަމަވެސް ހާލަތު ގޯސް ކަމަށް އަނެއްކާވެސް އެންގުމުން ފަހުން އެއާ އެމްބިއުލާންސް ގެންގޮސްފައިވެ އެވެ.