މޯލްޑިވްސް ޕޮލިސް ސާވިސް

ވޭޕް ބޭނުންކޮށްގެން ހަތަރު މީހަކު ޖޫރިމަނާކޮށްފި

ވޭޕް ބޭނުންކުރުން މަނާކޮށްފައި ވަނިކޮށް އެކަން ކުރި ހަތަރު މީހަކު ޖޫރިމަނާކޮށްފި އެވެ.

ރާއްޖޭގައި ވޭޕް މަނާކުރާ ގޮތަށް ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ބެހުން މަނާވެގެން ދިޔައީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެންނެވެ.

ފުލުހުން ބުނީ ގާނޫނާ ހިލާފުވި ހަތަރު މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ޖޫރިމަނާ ކުރި ކޮންމެ މީހަކު 5،000 ރުފިޔާ ދައްކަންޖެހެ އެވެ. އެއީ ޖުމްލަ 20،000 ރުފިޔާ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު އިސްލާހުކޮށްގެން ރާއްޖޭގައި ވޭޕް ބުއިމާއި ވިއްކުމާއި ބެހުން މަނާކޮށްފައިވާތީ ގާނޫނާ ހިލާފަށް އަމަލުކުރާ މީހުން ޖޫރިމަނާކުރިކަން އަންގާނީ ފުލުހުންގެ އިދާރާ އިން އެމީހެއްގެ ފޯނަށް ފޮނުވާ މެސެޖަކުންނެވެ.

ވޭޕަށް ބޭނުންވާ އާލާތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ވޭޕް ކުރުމަށް ބޭނުންވާ ކޮންމެ އާލާތަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.

ވޭޕްގެ އާލާތެއް ވިއްކައިފިނަމަ 20،000 ރުފިޔާއިން ޖޫރިމަނާކޮށް، ވިއްކާ ކޮންމެ އާލާތަކަށް 10،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ވެސް ވަނީ ނިންމާފަ އެވެ. މީގެއިތުރުން ވޭޕް ބޭނުންކުރާނަމަ 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.