ވޭޕްގެ އާލާތްތައް އަތުލުމާއި އެ ތަކެތި ނައްތާލެވޭ ގޮތަށް ފުލުހުންނަށް އިތުރު ބާރުތަކެއް ދީފި އެވެ.
ފުލުހުން ބާރު ދީފައި މިވަނީ މިދިޔަ ޑިސެމްބަރު މަހު އަމަލުކުރަން ފެށި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ އާ ގާނޫނުގެ ދަށުން އެކުލަވާލި އާ ގަވައިދުގައެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި އެކަމާ ގުޅޭ އާލާތްތަކާއި އެހެނިހެން ތަކެތި ރާއްޖެއަށް އެތެެރެކުރުމާއި ވިއްކުމާއި ބެހުން މަނާކުރީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
އެ ދުވަހަށް ފަހު ވޭޕްއާ ގުޅޭ މައްސަލަތަކުގައި ފުލުހުން ގެންދިޔައީ ކުށްކުރާ މީހުން ޖޫރިމަނާކުރަމުންނެވެ. ނަމަވެސް އެ މީހުން ގެންގުޅޭ އާލާތް އަތުލައި ނައްތާލުމުގެ ބާރެއް ފުލުހުންނަށް އޭރު ލިބިގެނެއް ނުވެ އެވެ.
އެކަމަކު ހެލްތު މިނިސްޓްރީން މިއަދު ވަނީ "ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާންމު ގަވައިދު"ގެ ނަމުގައި ހަދާފައިވާ ގަވައިދު ގެޒެޓްކޮށް ފުލުހުންނަށް ކުރިން ނުލިބި ހުރި ބައެއް ބާރުތައް ދީފަ އެވެ.
މިގަވައިދުގައި އިލެކްޓްރޯނިކް ސިނގިރޭޓާއ،ި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއ،ި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ބޭނުންކުރުން މަނާ ތަނެއްގައި މީހަކު ބޭނުން ކުރަނިކޮށް ފެނިއްޖެނަމަ ނުވަތަ އެ މީހެއްގެ އަތުގައި އޮއްވާ ފެނިއްޖެނަމަ އެ އެއްޗެއް އަތުލުމުގެ ބާރު ފުލުހުންނަށް ދީފައިވެ އެެވެ. ކޯޓު އަމުރެއްގެ ދަށުން ތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި އެފަދަ އެއްޗެއް ފެނުނަސް އެ އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ބާރު އާ ގަވައިދުގައި ދީފައިވެ އެވެ.
ގަވައިދުގައިވާ މުހިއްމު ބައިތައް
- ފުލުހުން އަންގާ ގޮތަށް އަމަލުނުކޮށްފިނަމަ 50،000 ރުފިޔާ އިން ޖޫރިމަނާކުރުން
- ވޭޕްއާ ގުޅޭ ތަކެތި ގެންގުޅެނިކޮށް ފެނިއްޖެނަމަ 2،000 ރުފިޔާއިން ޖޫރިމަނާކުރުން
- އަތުލާ ވޭޕްއާ ގުޅޭ ތަކެތި އަތުލުމަށް ފަހު ދޫނުކުރެޥޭނެ
- އަތުލާ ވޭޕްއާ ގުޅޭ ތަކެތި ފުލުހުން ނައްތާލަން ޖެހޭނެ
ފުލުހުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައިވާ ގޮތުން ވޭޕް ގެންގުޅުނު އަދި ބޭނުންކޮށްގެން 11 މީހަކު މިދިޔަ މަހު ޖޫރިމަނާ ކުރި އެވެ. ނަމަވެސް އެ ޖޫރިމަނާ ދެއްކި ކަމަކަށް ފުލުހުން ނުބުނެ އެވެ.