ވޭޕް ބޭނުންކޮށްގެން މިދިޔަ މަހު 11 މީހަކު ޖޫރިމަނާކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ޖެނުއަރީ މަހު ވޭޕް ބޭނުންކުރުމުގެ 14 މައްސަލައެއްގައި 11 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާއެކު ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ބެހުން މަނާކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ.
އެ ގޮތުން ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ވޭޕް ބޭނުންކުރުމުގެ 20 މައްސަލައެއްގައި 17 މީހަކު ޖޫރިމަނާކުރި އެވެ.
ގާނޫނުގައިވާ ގޮތުން ވޭޕްއަށް ބޭނުންވާ އާލާތްތައް ރާއްޖެ އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ވޭޕް ކުރުމަށް ބޭނުންވާ ކޮންމެ އާލާތަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.
ވޭޕްގެ އާލާތެއް ވިއްކައިފިނަމަ 20،000 ރުފިޔާއިން ޖޫރިމަނާކޮށް، ވިއްކާ ކޮންމެ އާލާތަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެ އެވެ. އަދި ވޭޕް ބޭނުންކުރާނަމަ 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.