ރިޕޯޓް

ކަނޑުވި ތިން ފަހަރުވެސް އާއިލާއިން މަރެެއް!

މާލެއިން ފުރައިގެން ވ. ފުލިދޫއަށް އިއްޔެ ދަތުކުރި ލޯންޗުން ކަނޑަށް ވެއްޓި މަރުވި މަރިޔަމް ނާހިދާ، 33، ގެ މަރާއެކު އޭނާގެ އާއިލާއަށް ވަނީ ޝޮކެއް ލިބިފަ އެވެ. އެ ޝޮކާއެކު އާއިލާއަށް އިތުރު ހިތްދަތި ކަމެއް ކުރިމަތިވީ ހަމަ އެ ހާދިސާގައި ނާހިދާގެ ކުޑަކުޑަ ފިރިހެން ދަރިފުޅު ވެސް ކަނޑުވެ ގެއްލިފައި ވުމުން ނެެވެ. މިއީ ނާހިދާގެ އާއިލާގެ މެމްބަރަކު ކަނޑުވެ މަރުވި ފުރަތަަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ހިނގި އެހެން ދެ ހާދިސާއެއްގައި ވެސް އޭނާގެ އާއިލާގެ އިިތުރު ދެ މީހަކު ކަނޑުވެގެން ވަނީ މަރުވެފަ އެވެ.

މާލޭގައި ދިރިއުޅެމުން ދިޔަ ނާހިދާ އޭނާގެ ފިރިމީހާއާއެކު ފުލިދޫއަށް ދަތުރު ފެށީ ސްކޫލު ބަންދާ ދިމާކޮށެވެ. ދަތުރު ފެށިއިރު ވެސް މޫސުން ގޯސްކޮށް އޮތް ކަން އެނގެ އެވެ. ނަމަވެސް އެކަން ރެއަކާލައި ދަތުރު މަޑުޖައްސާލަން ނިންމި އިރު އޮތީ މާ ލަސްވެފަ އެވެ. އޮޅިވެލި ރިސޯޓާ ހިސާބުގައި އޮތް އެ ލޯންޗު އޭރު އޮތީ ވަރުގަދަ ކޮޅިގަނޑެއްގެ ކުރިމަތީގަ އެވެ.

ކޮޅިގަނޑުން ސަލާމަތް ވާން ވެގެން ލޯންޗު އަނބުރާލި ވަގުތު ކުރިމަތިލާން ޖެހުނީ ބޮޑެތި ބިޔަ ރާޅުތަކާ އެވެ. އެއާއެކު ލޯންޗުގެ ސަތަަރިގަނޑު ފޫއަޅުވާލައި ލޯންޗުގެ އެންމެ ފަހަތުގަ ތިބި ނާހިދާ އާއި އޭނާގެ ދަރިފުޅު ވިއްސައިގެން ގޮސް ކަނޑަށް ވެއްޓެން ނެގީ މަދު ސިކުންތު ކޮޅެކެވެ.

ނާހިދާ ކަނޑަށް ވެއްޓުމާއެކު އޭނާ ސަލާމަތް ކުރީ އޭނާގެ ފިރިމީހާ ޖިނާހު އާދަމެވެ. ވަލެއް ހިފައިގެން ނާހިދާ ސަލާމަތް ކުރި އިރުވެސް ދަރިފުޅު ފެންނަން އޮތެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދަރިފުޅު ގެއްލުނު ގޮތަށް އެތައް ފަަހަރަކު ހޯދިއިރު ވެސް ދަރިފުޅު ފެންނަ ގޮތެއް ނުވިއެެވެ. ދެން ފެނުނީ ނާހިދާ ވެސް މި ދުނިޔެއާ އަލްވަދާއު ކީތަނެވެ.

ނާހިދާގެ އާއިލާއިން ދެކޭ ގޮތުގައި ނާހިދާ މަރުވީ ދަރިފުޅު ގެއްލުމާ ގުޅިގެން ލިބުނު ޝޮޮކާއި ދަރިފުޅު ހޯދަން ލޯންޗު މަޑު ކުރުމުން އެކަށީގެންވާ ފަރުވާ ނުލިބުމުން ނެވެ.

"ލޯންޗަށް ނެގި ފަހުން އާއިލާއަށް ނާހިދާ ގުޅާފައި ވަރަށް އަސަރާއެކު ކިޔައިދިން ދަރިފުޅު ސަލާމަތް ކުރަން ވަރަށް މަސައްކަތް ކުރި ވާހަކަ. މީގެ ކުރިން ބުނެފައިވެސް ހުންނާނެ ދަރިފުޅަށް ކަމެއްވާ ދުވަހު ތިމަންނަ ދުނިޔޭގެ ނުހުންނާނެ ކަމަށް،" ނާހިދާގެ ދެބެންގެ ދެދަރި މީހެއް ކަމަށްވާ ބުޝްރީ މޫސާ އަވަސް އަށް ކިޔައިދިނެވެ

ނާހިދާ މަރުވި އިރު އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ނާސިހު މަރުވިތާ މާ ގިނަ އަހަރު ތަކެއް ނުވެއެވެެ. މީގެ ހަ އަހަރު ކުރިން ނާސިހު މަރުވީ ފުލިދޫ ކައިރީގައި އޮންނަ ފިނަޅޮކަށް ދާން އުޅެނިކޮށެވެ.

" އެއީ މިރަށާ [ފުލިދޫއާ] 300 ވަރަކަށް ފޫޓު ދުރުގައި އޮންނަ ފިނޮޅެއް. އޭރު ނާސިހު ވާނީ 15 ވަރަަކަށް އަހަރު. އާއިލާ މީހުންނަށް ވެސް ނޭނގި އޭނާ އެ ފިނޮޅަށް ދާން އުޅުނީ. އެ ފިނޮޅަށް ދާން ވަކި ހިސާބަކަށް ހިނގާފައި ދެވޭނެ. ދެން ޖެހޭނީ ކޮންމެވެސް ވަރަަކަށް ފަތަން. ދެން އަނެއްކާވެސް ހިނގާފައި ދެވޭނެ. ބޮޑަށް ބެލެވެނީ އޭނާ ވަކި ހިސާބަކަށް ދަނިކޮށް ގެނބުނީހެން" ނާސިހާ ނާހިދާގެ ދެބެންގެ ދެދަރި ބުޝްރީ މޫސާ ބުންޏެވެ.

ނާސިހުގެ ކުރިން ނާހިދާގެ ބޮޑު ބޭބެ އަދުނާން ހުސެއިން ވެސް މަރުވީ ވެސް ކަނޑުވެގެން ނެވެ. މީގެ 12 އަަހަރު ކުރިން އަދުނާން ގެއްލުނު ގޮތަށް އަދިވެސް ނުވެސް ފެނެއެވެ. އަދުނާން ގެއްލުނީ ކެނޯއެއްގައި ވަދާ ނުކުމެ ނުކުމެ އުޅެނިކޮށެވެ. ރޯދަމަހެއްގައި ފަތިހު ވަދައަށް ނުކުތް އަދުނާނަށް ވީ ގޮތެއް އަދިވެސް ނޭނގެ އެވެ.

އަދުނާން ނުފެނިގެން ހޯދަން ކުރި މަސައްކަތުން އޭނާގެ ކެނޯ ފުށި ފަރު ފިނޮޅު ކައިރިން ފެނުނު ނަމަވެސް އަދުނާނުގެ ހިލަމެއް ނުވި އެވެ.

"އެ ކެނޯ ފަޅުގެ 15 ވަަރަކަށް ފޫޓުގެ އަޑީގައި ރީއްޗަށް ފެންނަން އޮތް. އެއީ ކަނޑާ ވަރަށް ކައިރީގައި. އެ ކެނޯގައި އޮތް ވަދާ ގޮސްުއުޅުނު އިރު ބޭނުންކުރި ރޯލް ވެސް ފަންނަން އޮތް. ނަމަވެސް ކޯސްޓުގާޑުން މުޅި އެ ސަރަަހައްދު ބެލިއިރު ވެސް އަދުނާންގެ ގަމީހެއް އެއްޗެއްހާ ހިސާބު ވެސް ނުފެނުނު. ދެން އެ ދުވަހަކީ މޫސުން ވެސް ގޯސްވެސް ދުވަހެއް ނޫން. ވަރަށް ރީތިކޮށް އޮތީ،" ނާހިދާގެ ދެބެންގެ ދެދަރި ބުޝްރީ ކިޔައިދިިނެވެ.