ހަބަރު

ސާލިމް އާއި ސުލެއިމާން: މިއީ ކޮން ބައެއް؟

ޝޯން ޕޯލްހާ ބޮޑު ކާފަރެއް ނެތް ކަމަށް ކަނޑައަޅައި އޭނާ މަރާލާގެ ކަމުގެ އިންޒާރު ދިނުމުން އޭނާ މި ވަނީ ފިލައިފަ އެވެ. އެކަމަކު ވެސް ޝޯ ކުރިއަށް ދާން ޖެހޭނެއެއް ނޫން ހެއްޔެވެ؟

އެހެންވީމަ މިރޭ ގަލޮޅު ދަނޑުގައި ބާއްވާ ޓޫރިޒަމް ކައުންޓްޑައުން ޝޯ އަށް ހާއްސަކޮށްގެން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މި ވަނީ އިންޑިއާ އިން "ސާލިމް އާއި ސުލައިމާނު" ނަމަކަށް ކިޔާ ދެ މިއުޒީޝަނުން ގެނެސްފަ އެވެ. މިއީ މުސްލިމު ދެ ބެއިން ކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

އެހެނީ، ކުރިން ގެންނަން އުޅުނު ޝޯން ޕޯލްހާ ބޮޑު ކާފަރެއް މި ބިންމަތީ ވެސް ނެތް ކަމަށް ބަޔަކު މީހުން ކަނޑައެޅީމަ އެވެ.

ކޮންމެއަކަސް މި ދެ ބެއިންގެ ކުޅަދާނަކަމާއި މަޝްހޫރުކަމުގެ ތެރެއަށް ޖެހިލަމާ ހިނގާށެވެ. އިންޑިއާގައި ކިތަންމެ މަޝްހޫރަސް އަދި ކިތަން ބޮޑު އިހްތިރާމެއް ލިބިފައިވިޔަސް ގިނަ ދިވެހިންނަށް މި ދެ ފަންނާނުން ނޭނގިދާނެތީ އެވެ.

ދިވެހިންނަށް މި ދުވަސްކޮޅު އެންމެ މަޝްހޫރީ އިންޑިއާގެ ސަނަމް ޕޫރީ އެކެވެ. ނަމަވެސް ސާލިމް އާއި ސުލެއިމާނަކީ އަދި އެއަށް ވުރެ ވެސް ބޮޑު ދެ ފަންނާނުންނެވެ. ޔަގީނަށް ވެސް އިންޑިއާ އިން މި ވަގުތު ނެގެން ތިބި އެންމެ މޮޅު މިއުޒީޝަނުންގެ ތެރޭގައި މި ދެ ބެއިން ހިމެނެ އެވެ.

އިންޑިއާގެ މުސްލިމުން ގިނަ ގުޖުރާތަށް ނިސްބަތްވާ ސާލިމް އާއި ސުލައިމާން އިންޑިއާގެ މިއުޒިކް އިންޑަސްޓްރީގެ ސަމާލުކަން ހޯދީ 2003 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ ކުރިން ވެސް ދެ ބެއިން މިއުޒިކް ކުޅެ ފިލްމުތަކަށް ވެސް މިއުޒިކް އުފައްދަމުން ދިޔަ އެވެ.

އަނެއްކޮޅުން މި ދެބެއިންގެ ބައްޕަ، ސަދުރުއްދީން މާޗެންޓް އަކީ ވެސް އިންޑިއާގެ މަޝްހޫރު މިއުޒީޝަނެކެވެ. މި އާއިލާ އަކީ ބޮލީވުޑްގައި ވެސް މަޝްހޫރު މިއުޒިކް އާއިލާއެކެވެ.

ބޮލީވުޑުގައި ސާލިމް އާއި ސުލައިމާނު މަގްބޫލު ދެ މިއުޒީޝަނުންނަށް ބަދަލުވި ހިސާބަކީ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރުގެ ފިލްމު "ކާލް" އަށް މިއުޒިކް އުފައްދައިން ދިން ހިސާބުންނެވެ. އެއަށް ފަހު މަޝްހޫރު ޔޭޝް ޗޯޕްރާ އާއި ސުބްހާޝް ޣަނީ އާއި ރާމް ގޯޕާލް ވަރުމާ ފަދަ ޑައިރެކްޓަރުންނާ އެކު ވެސް މަސައްކަތްކޮށްފައިވެ އެވެ.

ދެ ބެއިން މިއުޒިކް ތައްޔާރުކޮށްދީފައިވާ ބޮލީވުޑްގެ މަޝްހޫރު ފިލްމުތަކުގެ ތެރެއިން "ޗަކް ދޭ އިންޑިއާ" އާއި "ރަބް ނެ ބަނާ ދި ޖޯޅީ" އާއި "ނީލް އެންޑް ނިކީ" އަދި "ފެޝަން" އާއި "ކްރިޝް" ވެސް ފާހަގަކޮށްލެވެ އެވެ.

ބޮލީވުޑުން ބޭރުގެ ފަންނާނުންނާ އެކު ކޮށްފައިވާ މަސައްކަތްތަކަށް ވެސް މި ދެބެއިން ފާހަގަކޮށްލެވެ އެވެ. އެގޮތުން އޮސްކާ ހާސިލުކޮށްފައިވާ ޑައިރެކްޓަރު ޖެފްރީ ޑީ. ބްރައުންގެ އާ ފިލްމު "ސޯލްޑް" އަށް ވެސް މިއުޒިކް ތައްޔާރުކޮށްދީފައި ވަނީ މި ދެ ފަންނާނުންނެވެ.

ކޮންމެއަކަސް ވަރަށް ވެސް ހުނަރުވެރި އަދި އެހާމެ ކާމިޔާބު ދެ ފަންނާނުންނެވެ.

ޗޮޕްއާޓުން އިންތިޒާމުކުރާ ޓޫރިޒަމް ކައުންޓް ޑައުން ޝޯ މިރޭ ފަށާނީ 8:45ގަ އެވެ.