ހަބަރު

ތުޅާދޫ އަދި ނައިފަރުގައި 100 ހައުސިންގް ޔުނިޓް އަޅަނީ

ބ. ތުޅާދޫއާއި، ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުންތަކެއްގައި ސޮއި ކޮށްފި އެވެ.

އެމަޝްރޫއުގެ ދަށުން، ޅ. ނައިފަރުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 100 ހައުސިންގް ޔުނިޓް، ތިން ބުރިއާއި ހަތަރު ބުރީގެ އެޕާޓްމަންޓް ބިލްޑިންގް ތަކެއްގެ ގޮތުގައި އިމާރާތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ މަސައްކަތުގައި އިމާރާތްކުރެވޭނީ 1100 އަކަފޫޓުގެ އޭރިއާއެއްގެ ތެރޭގައި ތިން ކޮޓަރިއާއި، ތިން ފާހަނާ އަދި ސިޓިންރޫމާއި ބަދިގެ އަދި ސްޓޯރޫމަކާއި ލޯންޑްރީ ހިމެނޭގޮތަށް ޑިޒައިންކޮށް އިމާރާތް ކުރެވޭ 100 އެޕާޓުމަންޓެވެ. އެ މަސައްކަތް ހަވާލުކުރެވިފައިވަނީ ޑަބްލިއު އެންޑް އޭ އޯވަސީސްއާއި އެކު 311 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 71،403،200.00 ރުފިޔާ އަށެވެ.

އެ މަޝްރޫއުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިންގް މިނިސްޓަރު އަހްމަދު ނަޝީދެވެ. އަދި ޑަބްލިއު އެންޑް އޭ އޯވަސީސްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަޖުހަދު އަބްދުﷲ ޒުހައިރެވެ.

ބ. ތުޅާދޫގައި ހިންގުމަށް ސޮއިކުރި މަޝްރޫއުއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެއް ބުރީގެ 100 ހައުސިންގް ޔުނިޓް އިމާރާތްކުރުމެވެ.އެ ޔުނިޓްތައް އިމާރާތް ކުރެވޭނީ 1100 އަކަފޫޓުގެ އޭރިއާއެއްގެ ތެރޭގައި ތިން ކޮޓަރިއާއި، ތިން ފާހަނާ އަދި ސިޓިންރޫމާއި ބަދިގެ އަދި ސްޓޯރޫމަކާއި ލޯންޑްރީ ހިމެނޭގޮތަށެވެ. އެ މަސައްކަތް ހަވާލުކުރެވިފައިވަނީ ޕްރިސިޝަން އިންޖިނިއަރިންގ ސަރވިސަސް އާއި ފްލްކްސްއިންކް ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗާ ކުންފުންޏާއެކު 363 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 79،682،850.00 ރުފިޔާ އަށެވެ.

އެމަޝްރޫގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނަޝީދު ސޮއިކުރެއްވި އިރު، ޕްރިސިޝަން އިންޖިނިއަރިންގް ސާވިސަސް އާއި ފްލިކްސްއިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ޑީ. ޑަބްލިއު ތިލަކަރަތުނަ އެވެ.