ޑޮމެސްޓިކް އެއާޕޯޓް

އެއާޕޯޓް އަޅަން ހަތަރު ރަށެއްގެ ބިން ހިއްކަން ތިން ބީލަމެއް ލިބިއްޖެ

Jan 30, 2023

ސަރުކާރުން އެއާޕޯޓް އެޅުމަށް ނިންމާފައިވާ ހަތަރު ރަށެއްގެ ބިން ހިއްކުމަށް ތިން ފަރާތަކުން ބީލަން ހުށަހަޅައިފި އެވެ.

ސަރުކާރުން އެއާޕޯޓް އަޅަން ބޭނުންވާތީ ބިން ހިއްކާ ހަތަރު ރަށަކީ ހދ. މަކުނުދޫ، ށ. ބިލަތްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުށްޓެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ އާންމުކޮށް ހުޅުވާ ނުލައި ނުވަތަ ރެސްޓްރިކްޓެޑް ޓެންޑަރިން މަރުހަލާއެއްގެ ތެރެއިން މި ހަތަރު ރަށުގެ ބިން ހިއްކުމަށް ތިން ބީލަން ލިބިފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީއާއި ގުޅިގެން ބީލަންތައް ދިރާސާކުރަމުންދާ ކަމަށްވެސް ޕްލޭނިން މިނިސްޓްރީން ބުނެފައިވެ އެވެ.

ބީލަން ހުށަހެޅި ކުންފުނިތަކުގެ މައުލޫމާތު ހޯދުމަށް ގުޅުމުން ޕްލޭނިން މިނިސްޓްރީން އެދިފައިވަނީ މާދަމާ ރަސްމީ ގަޑީގައި އެ މައުލޫމާތު ހޯދުމަށް ގުޅުމަށެވެ.

ކްރޮސް ސަބްސިޑީ އުސޫލުން ފައިސާ ހޯދައިގެން ހަ ރަށެއްގައި އެއާޕޯޓް އަޅަން ނިންމާ ޝައުގުވެރިވާ ފަރާތްތަކެއް ހޯދުމަށް ސަރުކާރުން އެންމެ ފުރަތަމަ ހުޅުވާލީ 2021 ވަނަ އަހަރު އެެވެ. މީގެތެރޭގައި ހިމެނޭ ފ. މަގޫދޫގެ މަސައްކަތް މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. ދެން ހިމެނޭ ރ. އަތޮޅުގެ ދެކުނު ބިތުގައި އަޅަން ނިންމާފައިވާ އެއާޕޯޓެކެވެ. ނަމަވެސް އެއީ ކޮން ރަށެއް ކަމެއް ސަރުކާރުން އަދި ނުނިންމަ އެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުރައިގެން ވެސް 30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުމަކީ މިސަރުކާރުގެ ސިޔާސަތެކެވެ.