މުހައްމަދު ނިމާލް

އަދުރޭއާއި ރިޔާޒަށް މަންފާާވާ ގޮތަށް ތެޔޮ ގަނެފައެއް ނުވާނެ: ނިމާލް

ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ގެ މަސްލަހަތު އޮންނަ ކުންފުންޏަކާއި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް މަންފާވާ ގޮތަށް ކުރީގެ ސަރުކާރުގެ ދުވަސްވަރު ފެނަކަ ކޯޕަރޭޝަނަށް ތެޔޮ ގަނެފައި ނުވާނެ ކަމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް އިއްޔެ ހާޒިރުވެވަޑައިގެން ފެނަކައިގެ މިހާރު މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވިދާޅުވީ އަދުރޭގެ މަސްލަހަތު އޮންނަ ކުންފުންޏަކަށާއި ރިޔާޒުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން ފެނަކައަށް ބޮޑު އަގުގައި ތެޔޮ ގަނެފައިވާ ކަމަށެވެ.

އެ ގޮތުން ފިއުލް ސަޕްލައި މޯލްޑިވްސް އިން 8.25 ރުފިޔާގެ ރޭޓުން ލީޓަރެއް އެއިރު ގަތްއިރު މެންބަރުންގެ މަސްލަހަތު އޮތް ކުންފުނިތަކުން 28 ރުފިޔާގެ ރޭޓުން ތެޔޮ ގަނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ދެ ކުންފުންނަށް ފެނަކައިން ދައްކަން ޖެހޭ ފައިސާތަކެއް ވެސް ހުރި ކަމަށާއި ނަމަވެސް މުއާމަލާތްތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދިފައިވާތީ ފައިސާ ނުދައްކާ ހިފަހައްޓާފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ނަމަވެސް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ނިމާލް މިއަދު ވިދާޅުވީ އޭނާގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އިރު އެއްވެސް ފަރާތަކުން އެ އަގުގައި ތެޔޮ ގަނެފައި ނުވާނެ ކަމަށެވެ. އަދި ސައީދު ވިދާޅުވާ އަގުތަކުގައި ޑީސަލް ގަނެފައިވާ އެންމެ ޕޭމަންޓް ވައުޗާއެއް ނަމަވެސް ރައްޔިތުންނަށް ހަމާކޮށްދިނުމަށް ނިމާލް ގޮވާލެއްވި އެވެ.

"އަބްދުލްރަހީމް އަދި ރިޔާޒު ރަޝީދަކަށް މަންފާއެއް ހޯދައި ދޭކަށް އަޅުގަނޑު އެމްޑީ ކަމުގެ ދަށުގައި މަސއްކަތް ކޮށްފައި ނުވާނެ ކަން ގަބޫލު ކުރާނެ ކިތަންމެ މުވައްޒަފުންނެއް ތިޔަ ކުންފުނީގައި މިހާރު ވެސް ތިބޭނެ. އެ ބޭފުޅުން ކުރެއް އައްސަވާ. އަދި ތިޔަ ވިދާޅުވި ބޭފުޅުންގެ މަންފާއެއް ހޯދުމަށް އަޅުގަނޑު ކާއިރިގައި އެދިފައިވެސް ނުވޭ،" ނިމާލް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އެ މަޖިލީހުގެ ކުރިމަތީގައި އިތުރުފުޅު ހެއްދެވުމުގެ ބަދަލުގައި ފެނަކަ ކުންފުނީގެ ހިދުމަތްތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރުމަށް ނިމާލް އިލްތިމާސް ކުރެއްވި އެވެ. "ސިޔާސީ މެޑަލް ޖައްސަވަން" އިތުރުފުޅު ހެއްދެވުމުގެ ބަދަލުގައި ރަށްރަށަށް ކަރަންޓުގެ ހިދުމަތް 24 ގަޑިއިރު ދެވޭނެ ވަރު ކޮށްދިނުމަށް މަސައްކަތް ކުރުމަށް ނިމާލް ގޮވާލެއްވި އެވެ.