ހަބަރު

މީޑިއާ މިނިވަންކަމުގެ އަހުދުނާމާގައި ރާއްޖެ ސޮއިކޮށްފި

Jul 12, 2019
2

މީޑިއާގެ މިނިވަން ކަމަށާއި ނޫސްވެރިން ރައްކާތެރި ކޮށްދިނުމުގެ އަހުދެއްގައި ރާއްޖެއިން ސޮއިކޮށްފި އެވެ.

އިނގިރޭސިވިލާތުގައި އިއްޔެ ފެށި، މީޑިއާގެ މިނިވަންކަމާބެހޭ ބައިނަލްއަގުވާމީ މަހާސިންތާގެ ހަވާސާގައި އެ އަހުދުނާމާގައި ރާއްޖެ ފަރާތުުން ސޮއި ކުރެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް އެވެ.

އެ އަހުދުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ނައްތާލުމަށްޓަކައި އދ. އާއި އެހެން ޖަމާއަތްތަކަށް އެއްބާރުލުން ދިނުމަށާއި މީޑިއާތަކުގެ މިނިވަންކަން ވަރުގަދ ކުރުމަށް ސަރުކާރުން ފިޔަވަޅު އަޅައި މަސައްކަތް ކުރުން ހިމެނެ އެވެ. އަދި މީޑިއާގެ މިނިވަންކަމަށް ހުރަސް އަޅައި ނޫސްވެރިންނަށް ދިމާވާ ނުރައްކާތެރި ކަންތައްތައް ހާމަކޮށް، ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން އެފަދަ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރުން ވެސް ހިމެނެ އެވެ.

މީޑިއާތަކުގެ މިނިވަންކަމާ ބެހޭ ބައިނަލްއަގުވާމީ މަހާސިންތާގައި ގިނަ ސަރުކާރުތަކާއި ބޮޑެތި މީޑިއާތަކުގެ ވެރިން ބައިވެރިވި އެވެ. އެ މަހާސިންތާ ނިންމާލީ މިއަދު އެވެ.