ބޮލީވުޑް

ކަންގަނާ އާއެކު ތައްބޫ ވެސް "ދާކަޑް" އަށް

ކަންގަނާ ރަނާއުޓްގެ އެންމެ ފަހުގެ ފިލްމު ސްކްރީނުގައި އެޅުވުމަށް ތައްޔާރުވަމުން ދާއިރު، މީގެ ހަފުތާއެއް ކުރިން އޭނާ ވަނީ ދެން އެންމެ އަވަހަށް ފެންނާނެ ފިލްމު ވެސް އިއުލާން ކޮށްފަ އެވެ.

އެކްޝަން ފިލްމު "ދާކަޑް" ގެ ލީޑް ތަރިއެއް ގޮތުގައި ކަންގަނާ ހަމަޖައްސާފައިވާއިރު އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުގައި މި ފިލްމުގައި ކަންގަނާއާއެކު ތަބައްސުމް ހަޝްމީ ނުވަތަ ސިނަމާ ނަމުން ނަމަ، ތައްބޫ ވެސް ފެންނާނެ އެވެ.

ތައްބޫ އާއި ކަންގަނާ އެކުގައި ފިލްމަކުން ފެންނަ މިއީ ފުރަތަމަ ފަހަރަށް ވެފައި، މި ފިލްމަކީ އަންހެނުން ލީޑް ކުރާ އެކްޝަން ފިލްމެއް ކަމުން ވަރުގަދަ ރޯލުތަކުން ދެ ތަރިން ވެސް ފެންނާނެ ކަމަށް ބޮލީވުޑް ހަބަރުތަކުގައި ބުނެ އެވެ. އަދި، ތައްބޫ ފެންނާނީ ހަމަ އެކަނި ހާއްސަ ފެނިލުމަކުން ނޫން ކަމަށާއި ކަންގަނާ އެކޭ އެއްގޮޮތަށް ތައްބޫ އަަށްވެސް ދީފައިވަނީ މުހިއްމު ރޯލެއް ކަމަށް ބުނެ އެވެ.

މި ދެ ތަރިންނަކީ ވެސް މި ފަހުން ވަރުގަދަ ރޯލުތަކުން ފެނުނު ތަރިންނެވެ. ކަންގަނާގެ "މަނީކަރްނީކާ" އާއި "އަންދާދުން" ގައި ތައްބޫ ދެއްކި ހުށަހެޅުމަށް ވަނީ ތައުރީފް ލިބިފަ އެވެ.

ރަަޒްނީޝް ގާއި އުފައްދާ މި ފިލްމުގެ މަންޒަރުތައް، އިންޑިއާގެ އިތުރުން ސައުތު އޭޝިއާ އަދި ޔޫރަޕުގައި ވެސް ނަގަން ވަނީ ހަމަޖެހިފަ އެވެ. ފިލްމު ރިލީޒްކުރާ ތާރީހަކަށް ދީފައިވަނީ އަަންނަ އަހަރު ނޮވެމްބަރު އެވެ.