ހޮލީވުޑް

މާވެލްއިން ވެސް ކިއާނޫ ރީވްްސް ބޭނުން

މާވެލްގެ ސުޕަހީރޯ ފިލްމަކަށް ހޮލީވުޑް ތަރި ކިއާނޫ ރީވްސް ބޭނުންވާ ކަމަށް މާވެލް ސްޓޫޑިއޯޒްގެ ރައީސް ކެވިން ފެއިޖް ބުނެފި އެވެ.

ސީއެންއެންގައި ރިޕޯޓް ކޮށްފައިވާ ގޮތުން "ކޮމިކްބުކް ޑޮޓް ކޮމް" އިން ކެވިން އާ ކުރި ސުވާލަކަށް ޖަވާބުދެމުން ކެވިން ބުނީ، ކޮންމެ ފިލްމެއް ހެދި ކަމުގައި ވިޔަސް ކިއާނޫ އާ ވާހަކަ ދައްކާ ކަމަށެވެ. އަދި މާވެލްގެ ސިނަމެޓިކް ޔުނިވާސް އާ ކިއާނޫ ގުޅޭނީ ކޮން އިރަކުން ކަން ނޭނގުނަސް ބަަލަނީ އެކަން ކުރާނެ ރަނގަޅު ގޮތެއް ކަމަށް ބުންޏެވެ.

ކިއާނޫ އަކީ ނުވަދިހައިގެ އަހަރުތަކުގައި ނެރުނު "މެޓްރިކްސް" ގެ ފިލްމުތަކުން މަގުބޫލުވި ތަރި އެކެވެ. އޭގެ ފަހުން އޭނާ ކުޅުނު ގިނަ ފިލްމުތަކަށް ނުލިބުނު ސަޕޯޓު މި ފަހުން އާއްމުންގެ ފަރާތުން ވަނީ ފެންނަން ފަށާފަ އެވެ. ކިއާނޫ މި އަހަރު ކުޅުނު ތިން ފިލްމު "ޖޯން ވިކް-ޗެޕްޓާ ތްރީ"، އޯލްވޭސް ބީ މައި މޭބީ" އަދި ޕިކްސާގެ "ޓޯއި ސްޓޯރީ ފޯ" އިން ބޮޑު ކާމިޔާބެއް ހޯދި އެވެ.

މާވެލްގެ ފިލްމަކުން ކިއާނޫ ފެނިދާނެ ކަމަށް ބުނި ބުނުމާއެކު ގިނަ ބަޔަކު ދަނީ އޭނާ ކުޅޭނެ ކެެރެކްޓާ ވެސް ދިމާ ކުރަމުންނެވެ. އެގޮތުން، މި ލިސްޓުގައި ގޯސްޓް ރައިޑާ އަދި މޫން ނައިޓްވެސް ހިމެނެ އެވެ.