ވިޔަފާރި

ފީ ނުދައްކާ 1500 އަށްވުރެ ގިނަ ކުންފުނި އުވާލަން ނިންމައިފި

އަހަރީ ފީ ނުދައްކާ އިތުރު 1500 އަށްވުރެ ގިނަ ކުންފުނި އުވާލަން އިކޮނޮމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ދެވަނަ ބުރެއްގެ މަތިން އުވާލަން އިއުލާނުކުރި ލިސްޓުގައި 1،597 ކުންފުނި ހިމެނެ އެވެ. މި ކުންފުނިތައް އުވާލަނީ ކުންފުނި އުވާލަން ރަޖިސްޓްރާ އޮފް ކޮމްޕެނީސް ކަނޑައަޅައި އުވާލުމަށް އަމަލު ކުރާނެ ގޮތުގެ ދެވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިންނެވެ. އެ މާއްދާގައިވާ ގޮތުން އަހަރީ ފީ ނުދައްކައިފިނަމަ ކުންފުނި އުވާލަން ރަޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ލާޒިމް ވާނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން އުވާލަން އިއުލާނުކޮށްފައިވާ ލިސްޓުގައި ހިމެނެނީ 2002 ވަނަ އަހަރާއި 2006 ގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކެވެ.

އެ މިނިސްޓްރީން ބުނީ އުވާލަން އިއުލާނު ކޮށްފައިވާ ކުންފުނިތަކުގެ ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏެއް އަލުން ހިންގަން ބޭނުންނަމަ ފުރިހަމަ ކުރަންޖެހޭ ހުރިހާ އިލްތިޒާމްތައް އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން ފުރިހަމަކޮށް އެ މިނިސްޓްރީ އަށް ހުށަހަޅަން ވާނެ ކަމަށެވެ.

ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވި ގޮތުގައި މިހާރު އަމަލު ކުރާ އުސޫލުގެ ދަށުން އިން އެކްޓިވް ކުންފުނިތައް ދެނެގަނެ ފަސޭހަ އިން އުވާލެވޭނެ ކަމަށާއި ކުންފުންޏެއް އުވާލުމުގައި މައިގަނޑު ހަތަރު ހާލަތެއް އޮންނަ ކަމަށެވެ.

"އެއް ހާލަތަކީ ކުންފުނީގެ އަހަރީ ފީ ދައްކަން ޖެހޭ މުއްދަތުގައި ނުދެއްކުން. މީގެ މާނައަކީ މެއި މަހުގެ ނިޔަލަށް ޖޫރިމަނާއާއެކު ފައިސާ ނުދައްކައިފިނަމަ ކުންފުނި އުވާލަން މިނިސްޓްރީ އަށް ލާޒިމް ކުރޭ. ފަހުން މިއައި އެމެންޑްމެންޓުން ގަވައިދުން ކުރިއަށް ގެންދަން ޖެހޭ ޕްރޮސެސް ތަކެއް މިއީ،" ވިސާމް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން އެންމެ ފަހުން އުވާލަން އިއުލާނު ކުރި ލިސްޓުގައި 523 ކުންފުނި ހިމެނެ އެވެ. މި ލިސްޓުގައި އުފެއްދިތާ 30 އަހަރުވީ ކުންފުނިތައް ހިމެނެ އެވެ. މިހާރު އުވާލަން އިއުލާނުކޮށްފައިވާ އިންއެކްޓިވް ކުންފުނިތަކުގެ ތެރޭގައި 1979 އަހަރުން ފެށިގެން 2000 ވަނަ އަހަރާ ދެމެދު އުފައްދާފައިވާ ކުންފުނިތައް ހިމެނެ އެވެ.