މަސްތުވާތަކެތި

އިންޑިއާއަށް ޑްރަގު ގެންދަން ރާއްޖެ ބޭނުން ކުރާކަމުގެ ތުހުމަތު

Jul 14, 2019
7

އިންޑިއާގައި ހަރަކާތްތެރިވާ ޓެރަރިސްޓުންނަށް ފައިސާ ހޯދައި ދޭން ޕާކިސްތާނުން މަސްތުވާތަކެތި ފޮނުވުމަށްޓަކައި ރާއްޖެ އާއި ސްރީލަންކާ މެދުވެރިއަކަށް ހަދާފައިވާ ކަމުގެ ތުހުމަތުކޮށްފި އެވެ.

އިންޑިއާގެ ސަލާމަތީ އިދާރާތަކާ ހަވާލާދީ ހިންދުސްތާނު ޓައިމްސް ނޫހުން ބުނި ގޮތުގައި، ރާއްޖެ އާއި ސްރީލަންކާ މެދުވެރިކޮށް ޕާކިސްތާނުން އިންޑިއާއަށް މަސްތުވާތަކެތި ފޮނުވަމުންދާ ކަމަށެވެ.

އެގޮތުން މިދިޔަ ބުދަ ދުވަހު 50 ކިލޯގެ ހެރޮއިންއާއެކު ލަންކާގެ އިގުތިސޯދީ ސަރަހައްދުން ދަތުރުކުރި ޕާކިސްތާނުގެ ބޯޓެއް ލަންކާގެ ކޯސްޓްގާޑުން އަތުލައިގަތް ކަމަށާއި އެއީ އިންޑިއާއަށް ދާން އުޅުނު ބޯޓެއް ކަމަށް ވަނީ ތުހުމަތުކޮށްފައި ވެއެވެ.

އޭގެ އިތުރުން، މިދިޔަ މެއި މަހު ގުޖުރާތުގެ ކުޗް ޑިސްޓްރިކްޓުގެ އައްސޭރި ފަށުން އަތުލައިގަތް ޕާކިސްތާނުގެ ބޯޓަކުން 218 ކިލޯގެ ހެރޮއިންއާއެކު ހަ ފަޅުވެރިން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އެ ނޫހުން ބުނެފައި ވެއެވެ. އެ މަސްތުވާތަކެއްޗަކީ ވެސް އިންޑިއާގައި ހުރި މީހަކަށް ފޮނުވި ތަކެތިކަމަށް ތަހުގީގުން ވަނީ ހާމަވެފަ އެވެ.

ތިން ވަނަ މައްސަލެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، މެއި 26 ވަނަ ދުވަހު ދިވެހި ރާއްޖޭގެ ސަރަހައްދުގެ ތެރެއިން ގިނަ އަދަދެއްގެ ޑްރަގާއެކު އަތުލައިގަތް އީރާނުގެ ބޯޓުގެ މައްސަލަ އެވެ. އެ ބޯޓުގައި ވެސް ޕާކިސްތާނު މީހަކު ހުއްޓެވެ.

ނޫހުން ބުނިގޮތުގައި ޓެރަރިޒަމަށް ފައިސާ ހަރަދު ކުރުމާ މަސްތުވާތަކެއްޗާ ހުރި ގުޅުން އެނގުނީ ޕާކިސްތާނުގެ ލަޝްކަރޭ ތައިބާއަށް ނިސްބަތްވާ ޑޭވިޑް ކޯލްމަން ހެޑްލީގެ ތަހުގީގުންނެވެ. ތަހުގީގުގައި އޭނާ ބުނެފައިވާ ގޮތުގައި އިންޑިއާގައި ތިބޭ ޓެރަރިސްޓުންނަށް ޑްރަގާ އެކު ހަތިޔާރު ފޮނުވުމުގައި ޕާކިސްތާނުގެ ޖާސޫސީ އިދާރާއިން ދައުރެއް އަދާކުރެ އެވެ.