މޯލްޑިވްސް ކަސްޓަމްސް ސާވިސް

5.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ވައިގެ މަގުން ޕާކިސްތާނުން ރާއްޖެއައި ޕާކިސްތާނު ރައްޔިތެއްގެ ލަގެޖުން 5.8 މިލިއަން ރުފިޔާ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނި ގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހު ރާއްޖެއައި ޕާކިސްތާނުގެ 20 އަހަރުގެ އަންހެން ފަސިންޖަރެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކު ކުރެވިގެން އެ ފަސިންޖަރުގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.

މި ގޮތުން ބަލާފާސްކުރުމުގެ ތެރޭގައި އެ ފަސިންޖަރުގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ހުރި ޕެކެއް ފެނުނު ކަމަށާއި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހުލީލުކުރި އިރު އެތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.720 ކިލޯ ހުރިިއިރު މި ތަކެތީގެ މަގުމަތީ އަގު 5.8 މިލިއަން ރުފިޔާއަށް އަރަ އެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާޢި ފަސިންޖަރު މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.